ދުނިޔޭގެ ވިޔަފާރި

އިޤްތިޞާދީ ހީނަރުކަމުން އަރައިގަނެވޭނީ ޤައުމުތައް ގުޅިގެން މަސައްކަތްކޮށްގެން


ކޯވިޑް19ގެ ސަބަބުން އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަނެވޭނީ ހުރިހާ ޤައުމަކުންވެސް ގުޅިގެން މަސައްކަތްކޮށްގެންކަމަށް ވޯލްޑް ބެންކުގެ ކުރީގެ ރައީސް ރޮބަޓް ޒޮއެލްލިކް ވިދާޅުވެއްޖެއެވެ.

2007 ވަނަ އަހަރުން 2012 ވަނަ އަހަރުގެ ނިޔަލަށް ވޯލްޑް ބެންކުގެ ރައީސްކަން ކުރެއްވި ރޮބަޓް ބީބީސީއާ ވާހަކަދައްކަވަމުން ވިދާޅުވީ ޤައުމުތަކުން ގުޅިގެން މަސައްކަތް ނުކޮށްފިނަމަ، މީގެ ސަތޭކަ ވަރަކަށް އަހަރު ކުރިން ދުނިޔެ އޮތް ހާލަތަށް ދިއުމަކީ ގާތްކަމެއްކަމަށެވެ.

ރޮބަޓް ވިދާޅުވީ މިވަގުތު ޗައިނާއާއި އެމެރިކާއާ ދެމެދު އުފެދިފައިވާ މައްސަލަތަކަކީ، ދުނިޔޭގެ އިޤްތިޞާދު ހަމައަކަށް އެޅުވުމަށް ކުރާ މަސައްކަތަށް އޮތް ބޮޑު ގޮންޖެހުމެއްކަމަށެވެ. އަދި ދުނިޔޭގެ އިޤްތިޞާދު ހީނަރުކަމުން އަރައިގަތުމަށް ކުރާ މަސައްކަތް ކާމިޔާބުވާނެ ހަމައެކަނި ގޮތަކީ ގުޅިގެން މަސައްކަތްކުރުންކަމަށްވެސް އެނާ ވިދާޅުވިއެވެ. ނަމަވެސް ޗައިނާއާއި އެމެރިކާއާ ދެމެދު ހިނގަމުންދާ ވިޔަފާރީގެ ހަނގުރާމަ އޮތް ގޮތުން ނުރައްކާތެރި ފައްތަރަކަށް ދުނިޔޭގެ އިޤްތިޞާދު ގޮސްދާނެކަމުގެ ބިރު އެބައޮތްކަމަށްވެސް އިޤްތިޞާދީ މާހިރެއްކަމަށްވާ ރޮބަޓް ވިދާޅުވިއެވެ.

2008 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި އިޤްތިޞާދީ ހީނަރުކަމުގެ ތެރޭގައި ވޯލްޑް ބެންކުގެ ރައީސްކަން ކުރެއްވި ރޮބަޓް ވިދާޅުވީ، އޭރުވެސް އިޤްތިޞާދީ ހީނަރުކަން ނުރައްކާތެރި ހިސާބަކަށް ދިޔަކަމަށެވެ. ނަމަވެސް ދުނިޔޭގެ ބޮޑެތި ބާރުތަކުންނާއި މާލީ އިދާރާތަކުން ގުޅިގެން ވަރަށް ފުރިހަމަ މަސައްކަތްތަކެއް ކުރިއަށްގެންދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން އެމެރިކާގެ ކުރީގެ ދެ ރައީސުންކަމަށްވާ ޖޯޖް ޑަބްލިޔު ބުޝްއާއި ބަރަކް އޮބާމާގެ ދައުރުގައި އެހެން ޤައުމުތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެއްވިކަމަށް ރޮބަޓް ވިދާޅުވިއެވެ. އަދި 2008 ވަނަ އަހަރު ކުރިމަތިވި އިޤްތިޞާދީ ހީނަރުކަމުގެ ތެރޭގައި ޗައިނާއިންވެސް ގިނަ މަސައްކަތްތަކެއް ކުރިކަމަށް ރޮބަޓް ވިދާޅުވިއެވެ.

ނަމަވެސް މިއަދު އެފަދަ އެއްވެސް މަންޒަރެއް ނުފެންނައިރު، އެކަމުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދު ހަމައަކަށް އެޅުވުމަށް ކުރަމުންދާ މަސައްކަތަށް ބޮޑު އަސަރެއްކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަމުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަމަލުކުރައްވާ ގޮތަށް ރޮބަޓް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ރޮބަޓް ވިދާޅުވީ ޗައިނާއެކު ހިނގަމުންދާ ވިޔަފާރީގެ ހަނގުރާމަ ނިމުމަކަށް ގެނެސް، އެއް ބަޔަކު އަނެއް ބަޔަކަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި، މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރަންޖެހޭކަމަށެވެ.