ކޯވިޑް-19 އާ ގުޅިގެން ޤުރުއާން ކުލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި އަދި ކޮމިޔުނިޓީ ޕްރީސްކޫލްތަކަށް ދިމާވެފައިވާ މާލީ ދަތިކަމަށް އެހީ ހޯދުމަށް އަލުން ފޯމްލާން އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ އަލުން އެހީއަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ "ކޯވިޑް-19 އާ ގުޅިގެން ފައިސާގެ އެހީ ހޯދުމަށް އަމިއްލަ ޤުރުއާން ކުލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި ކޮމިޔުނިޓީ ޕްރީސްކޫލްތަކުން ހުށަހަޅާ ފޯމް" އަށް ބައެއް ބަދަލުތައް ގެނެސްފައިވާ ވާތީ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެހީއަށް އެދި ހުށައެޅުމުގެ މުއްދަތު މިމަހުގެ 10 ވަނަ ދުވަހަށް އިތުރުކޮށްދީފައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ އަލުން ފޯމް ހުށައެޅުމަށް ހުޅުވާލާފައިވަނީ ވީހާވެސް ބޮޑަށް ފޯމް ހުށައެޅުމުގައި ލުއިފަސޭހަ ކަންތައްތަކެއް ހިމަނައިގެން ވީހާވެސް ގިނަ މީހުންނަށް މި ފުރުޞަތު ދިނުމުގެ ގޮތުން ކަމަށެވެ.
ކޯވިޑް-19 އާ ގުޅިގެން ޤުރުއާން ކުލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި އަދި ކޮމިޔުނިޓީ ޕްރީސްކޫލްތަކަށް އެހީދޭ ޕްރޮގްރާމުގެ ދަށުން ފޯމު ހުށަހެޅި ފަރާތްތަކުން ފޯމު ހުށަހަޅާފައި ވަނީ ނިމިދިޔަ ޖުލައިމަހުގެ ތެރޭގައެވެ.
ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ޤުރުއާން ކުލާސްތަކާއި އަމިއްލަ ޕްރީ ސްކޫލްތަކާއި އަދި ކޮމިޔުނިޓީ ޕްރީސްކޫލްތަކަށް ދިމާވެފައިވާ މާލީ ދަތިތަކަށް އެހީތެރިވުމުގެ ގޮތުން ޒަކާތު ފަންޑުން 1.5 މިލިއަން ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން މިއެހީގެ ދަށުން ޤުރުއާން ކުލާސްތަކަށް ފަސްލައްކަ ރުފިޔާ، ޕްރީ ސްކޫލްތަކަށް އެއްމިލިއަން ރުފިޔާ ދިނުމަށްވަނީ ނިންމާފައެވެ.
މި އެހީދޭއިރު ސްކޫލްތަކަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޫޑެންޓް ޕޯޓަލްކަމަށްވާ މީމިސްއަށް ރަޖިސްޓަރކޮށްފައިވާ ތަނަކަށް ވާންޖެހެއެވެ. މިއެހީދޭ ދަރިވަރުން ކަށަވަރުކުރާނީ މި ސިސްޓަމްގެ ތެރެއިންކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.