ދުނިޔޭގެ ވިޔަފާރި

ޗައިނާގެ އެކްސްޕޯޓަށް 9.5 އިންސައްތައިގެ ކުރިއެރުމެއް


މިދިޔަމަހު ޗައިނާގެ އެކްސްޕޯޓް 9.5 އިންސައްތަ އިތުރުވެފައިވާކަމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

ޗައިނާގެ ކަމާބެހޭ ފަރާތްތަކުން އާއްމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ އޮގަސްޓްމަހާ އަޅާބަލާއިރު، މިދިޔަމަހު އެޤައުމުގެ އެކްސްޕޯޓް ވަނީ 9.5 އިންސައްތަ އިތުރުވެފައިވާކަމަށެވެ. މިއީ މިދިޔަ މާޗުމަހަށްފަހު ޗައިނާގެ އެކްސްޕޯޓަށް މިހާބޮޑު ކުރިއެރުމެއް ލިބުނު ފުރަތަމަ ފަހަރުކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

އޮގަސްޓްމަހު ޗައިނާގެ އިމްޕޯޓް 9.5 އިންސައްތަ އިތުރުވެފައިވާއިރު، ތަޖުރިބާކާރުން ލަފާކޮށްގެން ތިބީ އެކްސްޕޯޓް އިތުރުވާނީ 7.1 އިންސައްތަކަމަށެވެ. ޖޫންމަހުން ފެށިގެން ޗައިނާގެ އެކްސްޕޯޓް އިތުރުވަމުންދާއިރު، މިއީ ޗައިނާއާއެކު ވިޔަފާރިކުރާ ޤައުމުތަކުގެ ބޯޑަރުތައް ހުޅުވަމުންދިއުމުގެ ސަބަބުން ލިބެމުންދާ ކުރިއެރުމެއްކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އެކްސްޕޯޓް އިތުރުވިނަމަވެސް، ޗައިނާގެ އިމްޕޯޓް ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން މިދިޔަމަހުގެ އެޤައުމުގެ އިމްޕޯޓް 0.1 އިންސައްތަ ދަށަށް ދާނެކަމަށް ލަފާކުރިޔަސް، އެ އަދަދު އުޅުނީ 2.1 އިންސައްތައިގައެވެ. ތަޖުރިބާކާރުން ބުނާގޮތުން ޗައިނާގެ އެކްސްޕޯޓް ރަނގަޅުވަމުންދިއުމުގެ ސަބަބުން، ކޯވިޑްއާ ގުޅިގެން އެޤައުމުގެ އިޤްތިޞާދަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށް ކުރާ މަސައްކަތް ހަލުވިވެގެންދާނެއެވެ.

ކޯވިޑްގެ ސަބަބުން ދުނިޔޭގެ ބޮޑެތި އިޤްތިޞާދުތައް އިނދަޖެހުމުން ދިޔަނަމަވެސް، ޗައިނާ އިޤްތިޞާދު މަޑުމަޑުން ހަމައަކަށް އެޅި، އަނެއްކާވެސް އެޤައުމުގެ އިޤްތިޞާދަށް ދިރުން ލިބިފައިވާކަމަށް ތަޖުރިބާކާރުން ބުނެއެވެ.