ކުޅިވަރު

އިޓަލީ މާބޮޑަށްވެސް ތަފާތު: މަންޗިނީ


ނެދަލޭންޑްސްގެ މައްޗަށް އިޓަލީއަށް ކުރި ހޯދީ ތަފާތު ބޮޑު މޮޅު ކުޅުމެއް ދައްކައިގެން ކަމަށް އިޓަލީ ކޯޗު ރޮބާޓޯ މަންޗިނީ ބުނެފިއެވެ.

މެޗަށްފަހު ވާހަކަދައްކަމުން މަންޗިނީ ބުނީ މިކަހަލަ ވަރުގަދަ މެޗުތަކުން މޮޅެއް ހޯދޭނީ މެޗުގެ ކުރީ ބައިގައި ލަނޑު ޖަހައި މެޗުގެ ކޮންޓްރޯލް އަތުލައިގެންކަމަށެވެ. މެޗުގައި ނެދަލޭންޑްސް އިން ފޮނުވާލި ހަމަލާތުގެ ހުރަހަކަށްވީ އިޓަލީގެ ކީޕަރު ޖިއަންލުޖީ ޑޮނަރޫމާއެވެ. ކޯޗު މަންޗީނީ ވަނީ އޭނާގެ ކީޕަރުގެ މޮޅު ކުޅުން ފާހަގަކޮށްފައެވެ. އިދިކޮޅު ޓީމުން މެޗުގައި އުފެއްދި ހަމަލާތައް މަދު ނަމަވެސް އެޓޭކްތަކުގައި ނުރައްކާ ކުރިކަން މަންޗީނީ ވަނީ ފާހަގަކޮށްފައެވެ.

މަންޗިނީ ބުނީ އިޓަލީ ޓީމުގެ ކުޅުންތެރިން މެޗަށް ތައްޔާރުވި ގޮތާއި މެޗުގައި ދެއްކި ކުޅުމާމެދު އޭނާ ހިތްހަމަޖެހޭކަމަށެވެ. އޭނާ ބުނީ މިމެޗުގައި އިޓަލީ މާބޮޑަށް ވެސް މޮޅަށް ކުޅުނު ކަމށެވެ. މަންޗިނީ ބުނީ ވިސްނުންތެރިކަމާއި ރަނގަޅު ޓެކްޓިސްއެއް ނެތި ވިދިވިދިގެން 11 މެޗުން ޓީމެއް މޮޅުނުވެވޭނެކަމަށެވެ. ބޮސްނިއާ ވާދަކޮށް އެއްވަރުވި މެޗާއި ހަމަޔަށް އިޓަލީން ވަނީ ވިދިވިދިގެން 10 މެޗުން މޮޅުވެފައެވެ.

މެޗަށްފަހު ވާހަކަދައްކަމުން ނެދަލޭންޑްސްގެ ވަގުތީ ކޯޗު ޑްވައިޓް ލޯޑެވޭޖެސް ބުނީ ބަލިވީ ވަރަށް ވަރުގަދަ ޓީމެއް އަތުން ކަމަށާއި މެޗުގައި އެންމެ އެކަށީގެންވާވަރުގެ ކުޅުމެއް އެނާގެ ޓީމަށް ނުދެއްކުނު ކަމަށެވެ. ލޯޑެވޭޖެސް ބުނީ އަދިވެސް އިތުރަށް ކުރިޔަށްދެވިދާނެކަމަށާއި އެހެންނަމެވެސް ގަދަ ބާރެއްގެ އަތުން ބަލިވުމަކީ އެހާ ހިތްހަމަޖެހޭކަމެއް ނޫންކަމަށެވެ. އަދި މިއީ ކަންކަން ދަސްކުރުމަށް ލިބުނު ރަނގަޅު ފިލާވަޅެއް ކަމަށް ނެދަލޭންޑްސްގެ ވަގުތީ ކޯޗު ބުންޏެވެ.