ކުޅިވަރު

ކަލާރސް އެވޯރޑް ފެތުންތެރިޔާ ނިޝްވާން އިބްރާހީމްއަށް


މައިލޯ ކަލާރސް އެވޯރޑް 2014 ސީ.އެޗް.އެސް.އީގެ ދަރިވަރު އަދި ޒުވާން ފެތުންތެރިޔާ ނިޝްވާން އިބްރާހިމް ހާސިލުކޮށްފިއެވެ. ނިޝްވާނަށް މި އެވޯރޑް ހަވާލުކޮށްދެއްވީ މައިލޯ ކަލާރސް އެވޯރޑް 2014 ދިނުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހުމަދު އަދީބެވެ.ރޭގެ ރަސްމިއްޔާތުގައި ނިޝްވާންގެ ފަރާތުން މި އެވޯރޑާއި ހަވާލުވީ އެނާގެ މަންމައެވެ. ކަލާރސް އެވޯރޑަކީ ރާއްޖޭގެ ސްކޫލުތަކުގައި ތައުލީމު ހާޞިލުކުރަމުންދާ ދަރިވަރުން ކުޅިވަރުގެ ދާއިރާއިން ހޯދަމުންދާ ކާމިޔާބީތައް ފާހަގަކޮށް، އެދަރިވަރުންނަށް ހިތްވަރުދީ ދަރިވަރުންގެ ކުޅިވަރުގެ ހުނަރުވެރިކަން އިތުރަށް ތަރައްޤީކުރުމުގެ މަޤުސަދުގައި ނެސްލޭ މައިލޯއާއި ގުޅިގެން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ދޭ އެވޯރޑެކެވެ. ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވީ ކުޅިވަރަކީ ދިރިއުޅުމަށް ބޭނުންވާ ވަރަށް ގިނަ ސިފަތައް ދަސްވެގެންދާކަމަކަށް ވުމުން ދަރިވަރުން ސްކޫލްދައުރުގައި ކުޅިވަރު ތަކުގައި ހަރަކާތްތެރިވުން މުހިންމު ކަމަށެވެ. އެގޮތުން މުޖުތަމަޢެއްގައި ދިރިއުޅޭއިރު މުހިންމު އެއްކަން ކަމަށްވާ ޓީމްވޯކް ފަދަ ދިރިއުޅުމުގެ ހުނަރުތައް އެމަނިކުފާނަށްވެސް ލިބިގެންދިޔައީ ކުޅިވަރުގެ ތެރެއިން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.ކަލާރސް އެވޯރޑް 2014ގައި 10 ކުޅިވަރަކުން 4 އުމުރު ފުރާއިން އެއް ވަނަ، ދެވަނަ އަދި ތިން ވަނަ ހާސިލުކުރި ސަތޭކައަށްވުރެ ގިނަ ދަރިވަރުންނަށް ރޭގެ ރަސްމިއްޔާތުގައި ވަނީ އިނާމާއި ހަނދާނީ ލިޔުން ދީފައެވެ. މި އެވޯޑްގައި ހިމެނޭ 10 ކުޅިވަރަކީ އެތުލެޓިކްސް، ސްވިމިންގ، ޓީޓީ، ފުޓްބޯޅަ، ކްރިކެޓް، ބެޑްމިންޓަން، ވޮލީބޯޅަ، ބާސްކެޓްބޯޅަ، ނެޓްބޯޅައިގެ އިތުރުން ޓެނިހެވެ. ކުޅިވަރުގެ މައިދާނުގައި ރަން ވަނަތައް ހޯދާ ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީއާއި ނެސްލޭ މައިލޯ ގުޅިގެން ކަލާރސް އެވޯރޑް ދޭންފަށާފައި ވަނީ މިދިޔަ އަހަރުއެވެ.