ކުޅިވަރު

މިއީ ކޯޗިން ކެރިއަރުގެ އެންމެ އުނދަގޫ ދުވަސްކޮޅު: ޖަރުމަނު ކޯޗު


ފުޓްބޯޅަ ކޯޗިން ކެރިއަރުގައި މީ އެންމެ އުނދަގޫ ދުވަސްވަރުކަމަށް ޖަރުމަނު ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޔަކީމް ލޯ ބުނެފިއެވެ.

ޔުއެފާ ނޭޝަންސް ލީގުގައި ފުރަތަމަ މޮޅަށް ޖަރުމަނު އިންތިޒާރު ކުރަމުންދާއިރު ކޯޗު ލޯ ބުނީ އުނދަގޫ ހާލަތަކުން އަރައިގަތުމަށް ޖަރުމަނަށް އޮތީ އުނދަގޫ މަގެއްކަމަށެވެ. ދިހަމަސް ފަހުން ޖަރުމަނުން ކުޅުނު ދެ މެޗުން އެއްވަރުވުމުން ހިތްހަމަނުޖެހިފަ ހުރި ކޯޗު ބުނީ މިދިޔަ ދެ މެޗުގެ ނަތީޖާގެ ސަބަބުން މާޔޫސްވާކަމަށެވެ. ލޯ ބުނީ ޖަރުމަނުގެ ސަޕޯޓަރުންގެ އުއްމީދަކީ އަންނަ އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރުން ކަމަށާއި މިހާރުގެ ހާލަތައް ބަލާއިރު ޖަރުމަނަކީ މުބާރާތުގެ ފޭވަރިޓެއް ނޫންކަމަށެވެ.

އޭނާ ބުނީ މިހާރު ގައުމީ ޓީމުގައި ތިބި ކުޅުންތެރިންނަށް މި ލެވެލްގައި ވާދަކުރަން ގިނަ މެޗުތަކެއް ބޭނުންވާ ކަމަށާއި އަދި ދެތިން އަހަރު ފަހުން ޖަރުމަނަކީ މުބާރާތްތައް ކާމިޔާބު ކުރެވިދާނެ ޓީމެއް ގޮތައް ބައްޓަންކުރެވިދާނެކަމަށެވެ. އޭނާ ބުނީ މިހެން މިފާހަގުކުރަނީ ވަރަށް ގިނަ ސަބަބުތައް ފެންނަން ހުރުމުން ކަމަށެވެ. މިހާރު އުމުރުން 60 އަހަރުގެ ކޯޗު ބުނީ އޭނާ ޖަރުމަނު ގޮވައިގެން 2014 ވަނަ އަހަރުގެ ވަރލްޑް ކަޕު ކާމިޔާބު ކުރުމަށްވުރެ މިހާރު އޮތް ޖަރުމަނު ޓީމާއެކު ކާމިޔާބު ހޯދަން ވަރަށް ޗެލެންޖިންކަމަށެވެ. ޖަރުމަނުގެ ކޯޗުކަމުގައި 15 ވަނަ އަހަރު ގުނަމުންދާ ކޯޗު ބުނީ މިހާ ގިނަ ދުވަހު އެއް ޓީމަކާއެކު މަސައްކަތް ކުރަމަކީ އެހާ ފަސޭހަކަމެއް ނޫންކަމަށެވެ.

ނޭޝަންސް ލީގުގައި ޖަރުމަނު ކުޅުނު ފުރަތަމަ ދެ މެޗު އެއްވަރުވެ އެޓީމު އޮތީ ސްޕެއިންއާއި ޔޫކްރެއިން ފަހަތުން ތާވަލުގެ ތިންވަނައިގައެވެ. އަންނަ މަހު ނޭޝަންސް ލީގުގައި ޔޫކްރެއިނާ ދެކޮޅަށް ޖަރުމަނު ނުކުތުމުގެ ކުރިން ތުރުކީއާއެކު އެކުވެރިކަމުގެ މެޗެއް ކުޅޭނެއެވެ.