ކުޅިވަރު

ނެދަލޭންޑްސް ބަލިކޮށް އިޓަލީ ގްރޫޕްގެ އެއްވަނައަށް


ޔުއެފާ ނޭޝަންސް ލީގުގައި ނެދަލޭންޑްސް ބަލިކޮށް އިޓަލީން ގްރޫޕްގެ އެއްވަނައިގައި އެއް ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

އެމްސްޓެޑަމްގައި ކުޅުނު މެޗު އިޓަލީ ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގެ ހަމައެކަނި ލަނޑު އިޓަލީން ކާމިޔާބު ކުރީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ތެރޭގައި ޗިރޯ އިމޮބިލޭ ދިން ބޯޅައަކުން ނިކޮލޯ ބަރެއްލާއެވެ. މިއީ އޭނާ އިޓަލީގެ ގައުމީ ޓީމަށް ޖަހައިދިން ހަތަރު ވަނަ ލަނޑެއެވެ. މެޗުގައި ނެދަލެންޑްސުން ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދި ނަމަވެސް އިޓަލީގެ ގޯލަށް ބޯޅަ ވައްދާލެވޭ ގޮތް ވަނީ ނުވެފައެވެ.

މިމޮޅާއެކު އިޓަލީއަށް ގުރޫޕްގެ ކުރި ލިބެނީ ފުރަތަމަ ދެ މެޗުން 4 ޕޮއިންޓް ހޯދައިގެންނެވެ. ނެދަލެންޑްސް އާއި ޕޮލެންޑަށް ދެ މެޗުން ލިބުނީ ތިން ޕޮއިންޓެއެވެ.

ރޭ ޕޮލެންޑް ކުޅުނު މެޗުގައި އެޓީމު ވަނީ ބޮސްނިއާގެ މައްޗަށް 2-1 އިން ކުރި ހޯދާފައެވެ. ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ހާލަންޑުގެ ދެ ލަނޑާއެކު ނޯވޭ ވަނީ ތަފާތު ބޮޑުކޮށް ނޮދަން އަޔަލެންޑް ބަލިކޮށް ނޭޝަންސް ލީގުގެ ފުރަތަމަ މޮޅު ހޯދާފައެވެ. ސްކޮޓްލެންޑް ވަނީ ޗެކް ރިޕަބްލިކް ބަލިކޮށް އެޓީމު ހިމެނޭ ގުރޫޕްގެ އެއްވަނައަށް ޖެހިލާފައެވެ.