ދުނިޔޭގެ ވިޔަފާރި

ރަޝިޔާއާއި ސޫރިޔާގެ ވިޔަފާރީގެ ގުޅުން ވަރުގަދަކުރަނީ


ރަޝިޔާއާއެކު ވިޔަފާރީގެ ގުޅުން ވަރުގަދަކުރަން ބޭނުންވާކަމަށް ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު ވިދާޅުވެއްޖެއެވެ.

ސޫރިޔާގެ ރައީސް މިކަން ހާމަކުރެއްވީ، ރަޝިޔާގެ ބޮޑުވަޒީރުގެ ނާއިބު ޔޫރީ ބޮރިސޯވްއާއި ޚާރިޖީ ވަޒީރު ސަރްޖޭ ލަވްރޯވްއާއެކު އިއްޔެ ބޭއްވި ބައްދަލުވުމެއްގައެވެ.

ރަޝިޔާގެ އިސްވެރިންނާއެކު ސޫރިޔާގެ ވެރިރަށް ދިމިޝްޤުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އަސަދު ވިދާޅުވީ އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ރަޝިޔާއާއެކު އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރުމަށް ބޭނުންވާކަމަށެވެ. އެގޮތުން މުހިއްމު ސިނާއަތްތަކަށް ރަޝިޔާގެ އިންވެސްޓްމަންޓްތައް ބޭނުންވާކަމަށް އަސަދު
ވިދާޅުވިއެވެ.

އަސަދު ވިދާޅުވީ ހަކަތައާއި މައިނިންގ އަދި އެހެނިހެން ބައެއް އިންޑަސްޓްރިއަލް ސިނާއަތްތަކުގައި ރަޝިޔާގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ދެ ޤައުމުންވެސް މަޝްވަރާކުރަމުންދާކަމަށެވެ.

ރަޝިޔާގެ ބޮޑުވަޒީރުގެ ނާއިބު ޔޫރީ ބޮރިސޯވް ވިދާޅުވީ ވިޔަފާރީގެ ގުޅުން ފުޅާކުރުމާ ބެހޭ އެއްބަސްވުމެއް މިދިޔަ ޖުލައިމަހު ސޫރިޔާ ސަރުކާރަށް ހުށަހަޅާފައިވާކަމަށެވެ. އަދި އަންނަ ޑިސެމްބަރުމަހު އެއްބަސްވުމުގައި ސޮއިކުރެވޭނެކަމަށް އުއްމީދުކުރައްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

2011 ވަނަ ފެށި ސޫރިޔާގައި ދާހިލީ ހަނގުރާމަ ނިމުމަކަށް އައިސްފައިވާއިރު، ސޫރިޔާގެ އިޤްތިޞާދު ވަނީ ވަރަށް ބޮޑަށް އަޑިއަޅާލާފައެވެ. އަދި އެޤައުމުގެ ފަޤީރުންގެ ނިސްބަތްވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.