ދުނިޔޭގެ ވިޔަފާރި

ފަތުރުވެރިންނަށް ޕުކެޓް ހުޅުވާލުން ފަސްކުރަނީ


ފަތުރުވެރިންގެ މެދުގައި މަންޒިލެއްކަމަށްވާ ތައިލެންޑުގެ ޕުކެޓް ފަތުރުވެރިންނަށް ހުޅުވާލުން ފަސްކުރުމަށް ނިންމައިފިއެވެ.

އަންނަމަހު ފަތުރުވެރިންނަށް ޕުކެޓް ހުޅުވާލުމަށް ކުރިން ނިންމާފައި އޮތަސް، ފަތުރުވެރިންނަށް ޕުކެޓް ހުޅުވާލުން ފަސްކުރަން ތައިލެންޑުގެ ސަރުކާރުން ނިންމީ 100 ދުވަހަށްފަހު ތައިލެންޑުން އަނެއްކާވެސް ކޯވިޑް ފެނުމާ ގުޅިގެނެވެ.

ތައިލެންޑުގެ ހެލްތު މިނިސްޓަރ ވިދާޅުވީ ފަތުރުވެރިންނަށް ޕުކެޓް ހުޅުވާލުމަށް ސަރުކާރުން އޮތީ ތައްޔާރުވެފައިކަމަށެވެ. ނަމަވެސް ފަތުރުވެރިން އައުމަށް ހުއްދަ ދިނުމުން ކޯވިޑް އަނެއްކާވެސް ފެތުރުމުގެ ބިރު އޮތްކަމަށްބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ތައިލެންޑުގެ ޓުއަރިޒަމް އޮތޯރިޓީގެ ގަވަރުނަރު ވިދާޅުވީ "ޕުކެޓް މޮޑެލް"ގެ ނަމުގައި އަލުން ފަތުރުވެރިކަން ފަށަން ތާވަލްކޮށްފައި އޮތް ތާރީހުގައި އެކަން ފެށޭނެކަމަށް މިހާރު ޤަބޫލުނުކުރާކަމަށެވެ. އަދި ވަރަށް އަވަހަށް ކަމާބެހޭ ފަރާތްތަކުން މަޝްވަރާކޮށް، މިކަމުގައި އަމަލުކުރާނެ ގޮތަކާމެދު ގޮތެއް ނިންމާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޕުކެޓް މޮޑެލްގެ ނަމުގައި ފަތުރުވެރިކަން އަލުން ފަށަން ތައިލެންޑުން ތައްޔާރުކުރި ގައިޑްލައިންގެ ދަށުން ފުރަތަމަ ޕުކެޓްއަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައި އޮތީ އޮސްޓްރޭލިއާއި ނިއުޒިލެންޑުގެ 200 ފަތުރުވެރިންނެވެ. އެމީހުން ޕުކެޓްއަށް އައުމުގެ ކުރިން ކޯވިޑްއަށް ޓެސްޓްކުރަންޖެހޭއިރު، ޕުކެޓްގައި ޚާއްސަކުރެވިފައިވާ ތަންތަނުގައި 14 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަކުރަންޖެހެއެވެ.
ތައިލެންޑުގެ ބޯޑަރުތައް ފަތުރުވެރިންނަށް ބަންދުކޮށްފައިވާއިރު، އަލުން ބޯޑަރު ހުޅުވާލާއި، ފަތުރުވެރިން އަންނާނެ ދުވަހަކަށް ތައިލެންޑުގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ދަނީ އިންތިޒާރުކުރަމުންނެވެ.

ތައިލެންޑަށް ފަތުރުވެރިކަމުން ލިބޭ އާމްދަނީގެ ތިންބައިކުޅަ ދެބައި އާމްދަނީއަކީ ބޭރުގެ ފަތުރުވެރިންގެ ފަރާތުން ލިބޭ އާމްދަނީއެވެ. ނަމަވެސް ކޯވިޑްގެ ސަބަބުން ތައިލެންޑުގެ ފަތުރުވެރިކަމުގެ ސިނާއަތަށް ދަނީ ބޮޑު ގެއްލުމެއް ލިބެމުންނެވެ.