ކުޅިވަރު

އާ ކުޅުންތެރިންނާއެކު އިތުރު ޕްރެޝަރެއް ކުރިމަތިވެއްޖެ: ލަމްޕާޑް


އައު ސިޒާނާ ކުރިމަތިލާއިރު އިނގިރޭސި ކުލަބު ޗެލްސީއަށް ގެނައި ކުޅުންތެރިންގެ ސަބަބުން އިތުރު ޕްރެޝަރެއް ކުރިމަތިވެއްޖެކަމަށް ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނެފިއެވެ.

ލަމްޕާޑު ބުނީ މި ކުޅުންތެރިންނާ އެކު ޗެލްސީ އަށް އެންމެން ކުރާ އުއްމީދު ބޮޑުވާނެކަމަށާއި އޭނާ ހުރީ އެކަމަށް ހޭލާ ތައްޔާރުވެގެން ކަމަށެވެ. މި ޓްރާންސްފާގައި ޔޫރަޕުން ވެސް އެންމެ ހަރަކާތްތެރިކޮށް އުޅުނު ޗެލްސީން ވާނީ މިހާތަނަށް ހަތް ކުޅުންތެރިން ގެނެސްފައެވެ. އެޓީމުން ވަނީ މިހާތަނަށް ޓްރާންސްފާ މާކެޓުގައި ކުޅުންތެރިން ގަންނަން 200 މިލިއަން ޕައުންޑް ޚަރަދުކޮށްފައެވެ. ޓްރާންސްފާ ބޭންއަށް ފަހު ޗެލްސީ ހޭދަކުރީ ދަތި އުނދަގޫ އަހަރެއްކަން ލަމްޕާޑް ވަނީ ފާހަގަކޮށްފައެވެ.

ކެރިއަރުގައި ކާމިޔާބު ދުވަސްތަކެއް ޗެލްސީއާ އެކު ހޭދަކުރި ލަމްޕާޑު ބުނީ ކާމިޔާބާ ހަމަޔަށް ކުލަބެއް ވާސިލް ވެވޭނީ މެނޭޖްމެންޓުގެ ވިސްނުމާ އެއްގޮތަށް ކޯޗު މަސައްކަތް ކޮށްގެންކަމަށާއި ކޯޗާ މެނޭޖުމެންޓާ ދޭތެރޭ ވަރަށް ރަނގަޅު ގުޅުމެއް އޮންނަޖެހޭ ކަމަށެވެ.

ހުސްވި ސީޒަންގައި ޗެލްސީއާއެކު ޕްރިމިއަރ ލީގުގެ ހަތަރު ވާނައިގައި ނިންމާލި ކޯޗު ލަމްޕާޑު ބުނީ މިމަގާމުގައި ޗެލެންޖިން ދުވަސްތައް ވެސް އަންނާނެ ކަމަށާއި އެހުރިހާ ކަމަކަށް އެނާ ހުންނާނީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށެވެ. އައު ސީޒަންގައި ލީގުގެ ފުރަތަމަ މެޗުގައި ޗެލްސީ ނުކުންނާނީ ބްރައިޓަންނާ ދެކޮޅަށެވެ.