ޚަބަރު

އަބަދު ކޮނޑުހުޅުން ނެއްޓޭ 70 އަހަރުގެ މިހާއަށް ދިވެހި ޑޮކްޓަރުންގެ ހަދިޔާ


ޖެހޭ ކޮންމެ ބައްޔަކަށް ފަރުވާ ހޯދަން މާލެ އަންނަން ޖެހުން މީ އަބަދުވެސް އިވެމުން އަންނަ އެއް ޝަކުވާއެވެ. ރަށުން ނުލިބޭ ފަރުވާ ހޯދުމަށް މާލެ އައިސް މާލޭގައި ތިބުމާއި ބައްޔަށް ބޭސްކުރުމަށް ހިނގާ ހަރަދު ބޮޑުކަމުންނެވެ. އެހެންނަމަވެސް މި ޝަކުވާތައް މަދުވެ މި މަންޒަރަށް މަޑުމަޑުން ނަމަވެސް މި ވަނީ ބަދަލު އަންނަން ފަށާފައެވެ.

ކޮންމެ ސަރުކާރަކުންވެސް ވެރިކަމާއި ހަވާލުވުމަށްފަހު ރާއްޖޭގެ ހުރިހާ ދާއިރާއެއް ހަރުދަނާކޮށް ކުރިއެރުވުމަށް މަސައްކަތްތަކެއް ކޮށްފައި އެބަހުއްޓެެވެ. ޚާއްސަކޮށް ސިއްޙީ ދާއިރާއަށް ބަލާލާއިރު މިދާއިރާ ކުރިއަރުވާ ރަށުން ނުވަތަ ސަރަަހައްދީ ހޮސްޕިޓަލްތަކުން އެންމެ ރަނގަޅު ފަރުވާ ހޯދޭނެ މަގު ތަނަވަސްކުރުމަކީ ކޮންމެ ސަރުކާރެއްގެވެސް އަޒުމަކަށް ހެދިއެވެ. މި ސަރުކާރުގެވެސް އެންމެ ބޮޑު އެއް އަމާޒަކީ އެ ސަރަހައްދަކުން ރަނގަޅު ފެންވަރުގެ ސިއްޙީ ހިދުމަތްތައް ލިބޭނެ މަގު ފަހިކުރުމެވެ. ކޯވިޑާއި ގުޅިގެން ފަސް ސަރަހަދެއްގައި އެކަމަށް ހާއްސަ ފެސިލިޓީތައް ޤާއިމުކޮށް ޒަމާނީ ބައެއް ވަސީލަތްތައް އަންނަނީ ޤާއިމުކުރަމުންނެވެ. އެހެންނަމަވެސް މި ރިޕޯޓުގައި މިއުޅެނީ ސިއްޙީ ދާއިރާއަށް ސަރުކާރުތަކުން ކޮށްދެއްވި މަސައްކަތްތައް ކިޔާދޭކަށް ނޫނެވެ.

ކޯވިޑްގެ ބަލިމަޑުކަމާއެކުވެސް ރައްޔިތުންނަށް ދޭންޖެހޭ ފަރުވާތައް ދިނުމުގައި ޑޮކްޓަރުންނާއި ނަރުހުން ގެންދަވަނީ ބުރަ މަސައްކަތްތައް ކުރައްވަމުންނެވެ. ކޯވިޑް ބަލީގެ އިތުރުން އެހެން އާއްމު ބަލިތަކަށްވެސް ފަރުވާ ދިނުމުގައި ވަރުބަލިކަމެއް ނެތި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސިއްޙީ ހިދުމަތްތެރިން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. މީގެއިތުރުން ބޮޑެތި ބަލިތަކަށް ފަރުވާ ދިނުމާއި ބޮޑެތި ބަލިތަކަށް ކުރަންޖެހޭ އޮޕަރޭޝަންތައްވެސް މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަންނަނީ ކުރަމުންނެވެ.

މީގެ ކުރިންވެސް މާލެ ނޫން އެހެން ރަށްތަކުގައި ބޮޑެތި ކާމިޔާބު އޮޕަރޭޝަންތައް ކޮށްފައި އެބަހުއްޓެވެ. އަނެއްކާވެސް މިވަނީ އަތޮޅެއްގެ ހޮސްޕިޓަލެއްގައި މިފަދަ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކަމާއި އެކު ނިންމާލާފައެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ލެޓާރޖޭ އޮޕަރޭޝަނެއް ޑރ.އަބުދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައިކޮށް، އުމުރުން ދުވަސްވީ މީހަކަށް ބޮޑު ހަދިޔާއެއް ދިވެހި ޑޮކްޓަރުން މިވަނީ ދީފައެވެ.

ކަށީގެ ބަލިތަކަށް ޚާއްސަ ޑރ. އާޒިމް އަޙުމަދު ކުރެއްވި މި އޮޕަރޭޝަނަކީ ތަކުރާރުކޮށް ކޮނޑުހުޅުން ނެއްޓުމުގެ ސަބަބުން ހުޅަށް ލިބިފައިވާ ގެއްލުން ރަނގަޅުކޮށް އިތުރަށް ނެއްޓުނަ ނުދިނުމަށް ކުރި އޮޕަރޭޝަނެކެވެ. އޮޕަރޭޝަން ކޮށްފައިވަނީ އުމުރުން 70 އަހަރުގެ މީހެއްގެއެވެ. މި މީހާއަކީ ކޮނޑުހުޅުން ނެއްޓުމުގެ އުނދަގޫތަކާއި ތަކްލީފުތައް އެތައް ދުވަހެއް ވަންދެން ތަހްމަލުކުރަން ޖެހިފައިވާ މީހެކެވެ. 30 ވުރެ ގިނަ ފަހަރު މި މިހާގެ ކޮނޑުހުޅުން ނެއްޓިގެން އެކަމަށް ވަނީ ފަރުވާ ހޯދާފައެވެ.

ރާއްޖޭގެ ފުރަތަމަ ފަހަރަށް ކުރި ލެޓާރޖޭ އޮޕަރޭޝަނަކީ މި މީހާއަށް ކުރިމަތިވަމުން އަންނަ މި ދައްޗަށް ދާއީމީ ހައްލެއް ގެނެސްދޭނެ އޮޕރޭޝަނެކެވެ. މި އޮޕަރޭޝަން ކޮށްފައިވަނީ ކޮނޑުހުޅު ކައިރީގައި ހުންނަ ކަށިކޮޅެއް ހުުޅު އެތެެރޭގެ ހަލާކުވެފައި ހުންނަ ބަޔަށް ލައްވައިގެންކަމަށް މި އޮޕަރޭޝަން ކުރި ޑޮކްޓަރުންގެ ޓީމުން ބުނެއެވެ.

މިއީ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަށް ލިބުނު ބޮޑުކުރިއެރުމެއްގެ އިތުރަށް ރާޢްޖޭގައި ކަށީގެ އޮޕަރޭޝަންގެ ދާއިރާ ކުރިއަރަމުން އަންނަކަމުގެ ހެއްކެކެވެ. މުޅި ރާއްޖޭގައިވެސް އަލަށް ކުރި މި އޮޕަރޭޝަން ޚާއްސަވާ އަނެއް ސަބަބަކީ މީވެސް މާލެއިން ބޭރުން އަތޮތެރޭގައި ކުރި ބޮޑު އޮޕަރޭޝަނަކަށް ވުމެވެ.

ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މީގެ ކުރިންވެސް ވަނީ ކަށީގެ ބޮޑެތި އޮޕަރޭޝަންތައް ކޮށްފައެވެ. މިގޮތުން ބިންދައިގެންދާ ކަށިތަކުގެ އޮޕަރޭޝަނާއި ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަންތައްވެސް އެ ހޮސްޕިޓަލުގައި ވަނީ ކޮށްފައެވެ.

މާލެއިން ބޭރުގައި މިފަދަ ބޮޑެތި އޮޕަރޭޝަންތައް ކާމިޔާބު ކަމާއެކު ކުރުމަކީ ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއަރަމުން އަންނަ ކަމުގެ ފާލެކެވެ. އަދި ވަކިން ޚާއްސަކޮށް މިފަދަ ބޮޑެތި އޮޕަރޭޝަންތައް ދިވެހި ޑޮކްޓަރުން ކުރާކަމީ ރާއްޖޭގެ ދިވެހި ޑޮކްޓަރުންގެ ޤާބިލުކަން އިންތިހާއަށް ދައްކުވައިދޭކަމެކެވެ. މީގެ ކުރިންވެސް އައްޑޫސިޓީއާއި ކުޅުދުއްފުށި ސޓީގައިވެސް ދިވެހި ޑޮކްޓަރުން ވަނީ ކާމިޔާބު އެތައް އޮޕަރޭޝަންތަކެއް ކޮށްފައެވެ.

ކޮންމެ ރަށެއްގައި ޒަމާނީ ފެންވަރުގެ އާލާތްތަކާއި އެކު ބޮޑެތި އޮޕަރޭޝަންތައް އަދި ކުރެވެން ނެތްނަމަވެސް އަތޮޅުތަކުގެ ހޮސްޕިޓަލްތަކުން ދެމުންގެންދާ ޚިދުމަތްތައް ފުޅާވެ އަންނަނީ ތަރައްޤީވަމުންނެވެ. މިކަމުގެ އެންމެ ބޮޑު އެއް ހެއްކަކީ ދިގު ހަރަދު ބޮޑު ދަތުރު ހަދައިގެން މާލެ އައުމުގެ ބަދަލުގައި ރަށާއި އެންމެ ކައިރީގައި ހުންނަ ބޮޑު ހޮސްޕިޓަލަށް ދާ މީހުން އިތުރުވުމެވެ.

ފަޙުރުވެރި ރާއްޖެތެރޭ ދަރި

ކޮންމެ މީހަކުވެސް ބުނާނެ ރާއްޖެތެ ރޭގެ ރަށްތަކުގައި ބޭނުންވާ އަސާސީ ހިދުމަތެއް ނުލިބެޔޭ، އެންމެ ކުޑަމިނުން ޕެނަޑޯލް ގުޅަވެސް ގަންނަންދާން ޖެހެނީ މާލެއަށޭ. ބަލަގަ އެ ޕެނަޑޯލް ގުޅަ އިމްޕޯޓްކޮށް ވިއްކާނެގޮތްވެސް ކިޔަވައިގެން އެއަންނަ " ރަށްދެކެ ލޯބިވާ" ދަ ރިވެސް ބޭސް ފިހާރަ މިހުޅުވަނީ ތޮއްޖެހިފައި އޮންނަ މާލޭގަ. ޢެހެންނު ވާނީ!އަވަހަށް މުއްސަނދި ވާނީ މީހުން ގިނަ ތަނެއްގަ ވިއްކީމަތާ. ޢެކަމަކު ރަށްދެކެ ލޯބިވާ ގައުމުދެކެ ލޯބިވާ އަދި މިނިވަން ހިތްފަސޭހަ މާހައުލެއްގަ އުޅެން ލޯބިވަނީ ޑރ.އާޒިމް ކަހަލަ މަދު ދަ ރިން. ބޮޑެތި ގޮންޖެހުންތަކާއި އެކުވެސް ތިނަދޫއަށްޓަކައި މި އަތޮޅަށްޓަކައި ތިކުރައްވާ ބުރަމަސައްކަތުގައި ﷲ ބަރަކާތް ލެއްވުން އެދި ދުޢާ ދަންނަވަން. ކިތަންމެ ނުވާނެހެން ހީވާ ކަންތަކުގައިވެސް ކާމިޔާބު ހޯދަން މަސައްކަތް ކޮށްފިއްޔާ ވާނެ ކަމުގެ ފުރިހަމަ ނަމޫނާއެއް ޑރ.އާޒިމް ތިއީ. ރާއްޖެތެރޭގެ އެހެން ދަރިންނަށް ފިލާވަޅު ނެގެންޖެހޭ ދިރިހުރި މިސާލެއް.