ދުނިޔޭގެ ވިޔަފާރި

އަންނަ ހަފްތާގައި އައިފޯން 12 ލޯންޗުކުރަނީތަ؟


އަންނަ ހަފްތާގައި އޮންނަ އެޕަލްގެ ޚާއްސަ އިވެންޓުގައި އައިފޯނު 12 ލޯންޗުކުރާނެކަމަށް ބެލެވެން ފަށައިފިއެވެ.

އެޕަލް ކުންފުނީގެ އުފެއްދުންތައް އާއްމު ގޮތެއްގައި ކޮންމެ އަހަރެއްގެ ސެޕްޓެމްބަރުމަހުގެ ކުރީކޮޅު ލޯންޗުކުރާތީ، މިމަހުގެ 15 ވަނަ ދުވަހު އެޕަލްއިން ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓަކީ އައިފޯނު 12 ލޯންޗުކުރުމަށް ބާއްވާ އިވެންޓެއްކަމަށް ގިނަ ބަޔަކު އަންނަނީ މިހާރު ލަފާކުރަމުންނެވެ.

އަންނަ ހަފްތާގައި އަންގާރަދުވަހު ބޭއްވުމަށް ތާވަލްކޮށްފައިވާ އެޕަލްގެ ޚާއްސަ އިވެންޓް ކުރިއަށްދާނީ އޮންލައިންކޮށެވެ. އާއްމު ގޮތެއްގައި މި އިވެންޓަކީ އެމެރިކާގައި ހުންނަ އެކުންފުނީގެ މައި ހެޑްކުއާޓާޒްގައި ބާއްވާ އިވެންޓެކެވެ. ނަމަވެސް ކޯވިޑްގެ ސަބަބުން މިދިޔަ ޖޫންމަހު ބޭއްވި އެޕަލްގެ ޑިވެލޮޕާސް ކޮންފަރެންސްވެސް ބާއްވާފައިވަނީ އޮންލައިންކޮށެވެ.

އަންނަ އަންގާރަދުވަހު ބާއްވާ ޚާއްސަ އިވެންޓާ ބެހޭގޮތުން އެޕަލްއިން މިހާތަނަށް އެއްވެސް ވާހަކައެއް ދައްކާފައެއްނުވެއެވެ. ހަމައެކަނި އެނގޭކަމަކީ އެޕަލްގެ ޚާއްސަ އިވެންޓެއް އޮންނަކަމެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުން އަންގާރަދުވަހު އޮންނަ އިވެންޓުގައި ފައިވްޖީ ޓެކްނޮލޮޖީގެ ޤާބިލްކަން ލިބިފައިވާ އައި ފޯނު 12 ލޯންޗުކުރާނެއެވެ. އަދި އެހެން އައިފޯނުތަކާ އަޅާބަލާއިރު އައިފޯނު 12 ވެގެންދާނީ ގިނަ އަޕްގްރޭޑްތަކެއް ހުންނާނެ ފޯނަކަށްކަމަށްވެސް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އެޕަލްގެ ޚާއްސަ އިވެންޓުގައި އައިފޯނު 12 ލޯންޗުކުރިނަމަވެސް، ފޯނު ގަންނަން ބޭނުންވާ ފަރާތްތަކަށް ފޯނު ލިބެން މިފަހަރު ގިނަ ދުވަސްތަކެއް ނަގާފާނެކަމަށް ޚަބަރުތައް ބުނެއެވެ. އެއީ ކޯވިޑްގެ ސަބަބުން ސަޕްލައި ޗެއިންތަކަށް ބުރޫ އަރާފައިވާތީއެވެ. އެގޮތުން ކޮންމެ އަހަރެއްގެ ސެޕްޓެމްބަރުމަހު އާއްމު ގޮތެއްގައި އަލަށް ނެރޭ އައިފޯނު ވިއްކަން ފަށާއިރު، މިފަހަރުގެ ފޯނު އާއްމުންނާ ހަމައަށް ލިބޭނެކަމަށް ލަފާކުރަނީ އޮކްޓޯބަރުމަހުގެ ތެރޭގައިކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

އެޕަލްއިން ބާއްވާ ޚާއްސަ އިވެންޓްތަކުގައި އެކުންފުނީގެ ގިނަ އުފެއްދުންތަކެއް އެއް ފަހަރާ ލޯންޗުކުރިނަމަވެސް، މިފަހަރު އުފެއްދުންތައް ލޯންޗުކުރުމަށް ދެ އިވެންޓެއް ބޭއްވުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް ބައެއް ޚަބަރުތައް ބުނެއެވެ. އެހެންކަމުން އައިފޯނު 12 ލޯންޗުކުރާނީ މީގެއިން ކޮން އިވެންޓެއްގައިކަމެއް ނޭނގޭކަމަށް ޚަބަރުތައް ބުނެއެވެ.