ދުނިޔޭގެ ވިޔަފާރި

ކޯވިޑްގެ ސަބަބުން ޗައިނާގެ އެންމެ ބޮޑު "އެއަރ ޝޯވ" ކެންސަލްކޮށްފި


އޭވިއޭޝަން އިންޑަސްޓްރީގެ އެންމެފަހުގެ އުފެއްދުންތައް ދައްކާލުމަށް ބާއްވާ ޗައިނާގެ އެންމެ ބޮޑު "އެއަރ ޝޯވ" ކޯވިޑްގެ ސަބަބުން ކެންސަލްކޮށްފިއެވެ.

ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވާ "ޗައިނާ އިންޓަރނޭޝަނަލް އޭވިއޭޝަން އެންޑް އެއިރޯސްޕޭސް އެގްޒިބިޝަން" ބޭއްވުމަށް ތާވަލްކޮށްފައި އޮތީ އަންނަ ނޮވެމްބަރުމަހު ޗައިނާގެ ދެކުނުގެ ސިޓީއެއްކަމަށްވާ ޒުހައިގައެވެ. ނަމަވެސް ކޯވިޑްއާ ދެކޮޅަށް ޗައިނާއިން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން އެޤައުމަށް ދަތުރުކުރުން ހަރުކަށިކޮށްފައިވާތީ މިއަހަރުގެ އެއަރ ޝޯވ ނުބޭއްވުމަށް މިހާރު ނިންމާފައިވާކަމަށް މި ހަރަކާތް އިންތިޒާމްކުރާ ފަރާތުން ބުނެއެވެ.

ޗައިނާގެ އެންމެ ބޮޑު އެއަރ ޝޯވއަކީ އާއްމު ގޮތެއްގައި މަތިންދާބޯޓު އުފައްދާ މަޝްހޫރު ކުންފުނިތަކުގެ ބައިވެރިވުން ބޮޑު ހަރަކާތެކެވެ. އެގޮތުން އެއަރބަސް ކުންފުންޏާއި ބޮއިން ކުންފުނީގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަތިންދާބޯޓު އުފައްދާ ކުންފުނިތަކުން މިހަރަކާތުގައި އަންނަނީ ބައިވެރިވަމުންނެވެ. އަދި މިހަރަކާތަކީ ޗައިނާއިން ތަރައްޤީކުރާ އެންމެފަހުގެ މިލިޓަރީ ޖެޓްތަކާއި ޑްރޯންތައް ދުނިޔެއަށް ދައްކާލުމަށްވެސް ބާއްވާ އެންމެ ބޮޑު ހަރަކާތެވެ.

ޗައިނާގެ އެންމެ ބޮޑު އެއަރޝޯވ ކެންސަލްކޮށްފައިވާއިރު، ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއަރ ޝޯވކަމަށްވާ، އިނގިރޭސިވިލާތުގެ ފާންބޮރޯ އެއަރޝޯވވެސް ކޯވިޑްއާ ގުޅިގެން ކެންސަލްކޮށްފައެވެ.

ކޯވިޑްއާ ގުޅިގެން އޭވިއޭޝަން އިންޑަސްޓްރީއަށް ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހިފައިވާއިރު، މަތިންދާބޯޓު އުފައްދާ ކުންފުނިތަކުން ދަނީ ޚަރަދުތައް ކުޑަކޮށް، އިތުރު މަތިންދާބޯޓުތައް ތަރައްޤީކުރުމަށް ކުރާ މަސައްކަތްތައް މަޑުޖައްސާލަމުންނެވެ.