ވިޔަފާރި

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމާއި ގުޅޭގޮތުން އިންޑިއާ ސަފީރާއިއެކު ޓޫރިޒަމް މިނިސްޓަރ މަޝްވަރާކުރައްވައިފި


ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމާއި ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުއާއެކު މަޝްވަރާކުރައްވައިފިއެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލައި ފަތުރުވެރިކަމަށް ރާއްޖެ އަލުން މަރުހަބާ ކިޔުމާއިއެކު ޓޫރިޒަމް މިނިސްޓްރީން ގެންދަވަނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރާއެކު އިއްޔެ ބޭއްވެވި ބައްދަލުވުމުގައި ވަނީ އިންޑިއާއާއި ރާއްޖެއާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. މީގެއިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ތަމްރީން ދިނުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

މި ބައްދަލުވުމުގައި އިންޑިއާގެ އިންވެސްޓަރުންނާއި، ރާއްޖޭގެ ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތައް ގުޅުވާލަދިނުމާއި ބެހޭގޮތުން މަޝްވަރާކުރިއިރު ދާދިފަހުން 2 ޤައުމުގެ ދެމެދުގައި ޤާއިމްކުރި އެއަރ ބަބުލް އެއްބަސްވުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖެއާއި އިންޑިއާއާއި ދެމެދު ޤާއިމްކުރި އެއަރ ބަބުލް އެއްބަސްވުމާއިއެކު 2 ޤައުމުގެ ދެމެދުގައި ވައިގެ އުދުހުންތައް ދަނީ އިތުރުކުރަމުންނެވެ. މީގެ ސަބަބުން އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމަށް އެހީތެރިވެދޭނެކަމަށް ސަރުކާރުން ބުނެއެވެ.