ވިޔަފާރި

މަސްވެރިންނަށް ރަނގަޅު އަގެއް ނުދެވެނީ އެއަރފްރޭޓްކުރުމުގެ އަގު ބޮޑުވުމުން- ބިގްފިޝް


މަސްވެރިން ބާނާ މަހަށް މިދުވަސްކޮޅު ރަނގަޅެއް އަގެއް ނުދެވެނީ އެއަރ ފްރައިޓްގެ އަގު ބޮޑުވުމުންކަމަށް މަސް އެކްސްޕޯޓްކުރުމުގައި ހަރަކާތްތެރިވާ ކުންފުންޏެއްކަމަށްވާ ބިގް ފިޝް މޯލްޑިވްސްއިން ބުނެފިއެވެ.

ބިގްފިޝް މޯލްޑިވްސްއިން ނެރުނު ބަޔާނެއްގައި ބުނީ މި ދުވަސްކޮޅު ބޮޑު ކަންނެލި ބަނާވަރާ އަޅާބަލާއިރު މަސްވެރިންނަށް ދެވޭ އަގު މިދިޔަ އަހަރާއި އަޅާ ބަލާއިރު %30 އަށް ދަށްކަމަށެވެ. އަދި އަގު ދަށްކޮށް ގަންނަން ޖެހޭ ސަބަބަކީ، ޔޫރަޕަށް ވިއްކާ އަގު ކުރިއެކޭ އެއްވަރެއްގައި ހުރިނަމަވެސް، ކޯވިޑްއާގުޅިގެން އެއަރ ފްރައިޓްކުރުމުގެ އަގު ބޮޑުވުމުންކަމަށެވެ. އެގޮތުން އެއަރފްރައިޓްގެ އަގު އެވްރެޖްކޮށް 74 އިންސައްތަ ބޮޑުވެފައިވާކަމަށް ބިގްފިޝްގެ ބަޔާނުގައި ބުނެފައިވެއެވެ.

ބިގް ފިޝްއިން ބުނީ މިދިޔަ އަހަރު ބޭރުކުރި ތާޒާ ކަންނެލި ވިއްކި އެވެރެޖް އަގުގެ 57 އިންސައްތައަކީ މަހުގެ އަގުކަމަށްވާއިރު އެއަރ ފްރައިޓަށް ދިޔަ ހަރަދަކީ އެވްރެޖްކޮށް ޖުމްލަ ވިއްކި އަގުގެ 23 އިންސައްތަކަމަށެވެ. ނަމަވެސް މިދުވަސްކޮޅު މަހުގެ އަގަކީ ވިއްކާ އަގުގެ 40 އިންސައްތައަށްވާއިރު، އެއަރ ފްރައިޓަށް ދާ ޚަރަދަކީވެސް 40 އިންސައްތަކަމަށެވެ. އެހެންކަމުން ޖުމްލަ ވިއްކާ އަގުން މީގެކުރިން މަސްވެރިންނަށް ލިބޭބައި ވަނީ 30 އިންސައްތަ ދަށްވެ، އެއަރލައިންތަކުން ނަގާބައި 74 އިންސައްތަ އިތުރުވެފައިވާކަމަށް ބިގް ފިޝްއިން ބުނެއެވެ.

ބިގްފިޝްއިން ބުނީ ތާޒާ ކަންނެލީގެ ގޮތުގައި ބޭރުކުރާ މަހުގެއަގާއި އެއަރ ފްރޭޓްގެ އަގު، ވިއްކާ އަގުގެ ޖުމްލަ 80 އިންސައްތަ އަށްވުރެ އިތުރުނުކުރެވޭ ގިނަ ސަބަބުތަކަކާ ހުރެކަމަށެވެ. އެގޮތުން މަސް ބަންދުކުރަން ބޭނުންކުރާ ތަކެތީގެ އަގާއި، އެމް.އޭ.ސީ.އެލްއަށް ދައްކަންޖެހޭ އަގާއި، ފެކްޓްރީ ހިންގުމުގެ ޚަރަދު އެވްރެޖްކޮށް މަސް ވިއްކާ އަގުގެ 14 އިންސައްތައާއި 17 އިންސައްތައަށް އަރާކަމަށް ބިގްފިޝްއިން ބުނެއެވެ. އެހެންކަމުން މަހުގެ އަގާއި އެއަރ ފްރޭޓްގެ އަގު ވިއްކާ އަގުގެ %80 އަށްވުރެ އިތުރުވާނަމަ ޚަރަދު ދެކޮޅު ނުޖެއްސޭކަމަށްވެސް ބިގްފިޝްއިން ބުނެއެވެ.

ބިގްފިޝްގެ ބަޔާނުގައި ބޮޑު ކަންނެލި މަސްވެރިންނަށް ދެވޭ އަގު ދިގު މުއްދަތަކަށް ދަށްކޮށް ހުރެއްޖެނަމަ ސިނާއަތް އެއްކޮށް ހުއްޓި، މަސް ކުންފުނިތައްވެސް ހުއްޓުމަކަށް އަތުވެދާނެކަމުގެ ބިރު އެބައޮތްކަމަށެވެ. އަދި މިހާލަތުން އަރައިގަތުމަށް ބިގްފިޝްއިން ކުރާ މައިގަނޑު މަސައްކަތްތަކަކީ ބޭރު މާކެޓްތަކަށް ވިއްކޭ އަގު އިތުރުކުރެވޭތޯ މަސައްކަތްކުރުމާއި، އެއަރ ފްރޭޓް އަގާއި އެމް.އޭ.ސީ.އެލް އިން މިހާރު ނަގަމުންދާ ބޮޑެތި އަދަދުތައް ދަށްކުރެވޭތޯ މަސައްކަތްކުރުމުގެ އިތުރުން ރާއްޖޭގެ ކަންނެއްޔަށް ޔޫރަޕުން ނަގާ ޓެކްސް ދައްކުރުމަށް ވަކާލާތުކުރުންކަމަށެވެ. އަދި އެ މަސައްކަތްތަކުން ލިބޭ ކޮންމެ ކާމިޔާބީއެއް ބަދަލުވާނީ މަހުގެ އަގަށް އަންނަ ކުރިއެރުމަކަށް ކަމަށްވެސް ބިގްފިޝްއިން ބުނެއެވެ. ބިގްފިޝްގެ ބަޔާނުގައި ވާދަވެރިންނަށް ވުރެ ބޮޑުއަގުގައި ކަންނެލި ގަތުމާއި މަސްވެރިންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަކީ އެކުންފުންޏަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް އަދި އުފަލެއްކަމަށްވެސް ބުނެފައިވެއެވެ.