ދުނިޔޭގެ ވިޔަފާރި

ވެކްސިން ޤައުމުތަކަށް ފޮނުވުން ވެގެންދާނީ ޤަރުނުގެ އެންމެ ބޮޑު މަސައްކަތަށް- އަޔާޓާ


ކޯވިޑްއަށް ތައްޔާރުކުރާ ވެކްސިން ދުނިޔޭގެ އެކިކަންކޮޅުތަކަށް ފޯރުކޮށްދިނުން ވެގެންދާނީ އޭވިއޭޝަން ސިނާޢަތުގެ ތާރީޙުގައިވެސް ކުރާނެ އެންމެ ބޮޑު މަސައްކަތަށްކަމަށް އަޔާޓާއިން ބުނެފިއެވެ.

އިންޓަރނޭޝަނަލް އެއަރޓްރާންސްޕޯޓް އެސޯސިއޭޝަން، އަޔާޓާއިން ބުނީ މިހާތަނަށް ކޯވިޑްއަށް ވެކްސިނެއް ހޯދިފައި ނުވިނަމަވެސް، ވައިގެ ދަތުރުފަތުރު ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު ވެކްސިން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޮނުވުމާ ގުޅޭ މަޝްވަރާތައް މިހާރު ކުރިއަށްދާކަމަށެވެ. އެގޮތުން އެއަރލައިންތަކާއި އެއަރޕޯޓްތަކާއި ވެކްސިން އުފައްދާ ފަރާތްތަކާއެކު މިހާރުވެސް ގިނަ މަޝްވަރާތަކެއް ކުރެވިފައިވާކަމަށް އަޔާޓާއިން ބުނެއެވެ.

އަޔާޓާއިން ލަފާކުރާ ގޮތުގައި ވެކްސިން ވައިގެ މަގުން އެކި ސަރަޙައްދުތަކަށް ފޮނުވުމަށް ވައިގެ އުދުހުންތަކުގައި ބޭނުންކުރާ އެންމެ ބޮޑު އެއް އެއަރކްރާފްޓްކަމަށްވާ ބޮއިންގ ސެވަން ފޯރ ސެވަންގެ ގާތްގަނޑަކަށް 8000 މަތިންދާބޯޓު ބޭނުންވާނެއެވެ. އަޔާޓާއިން ބުނާގޮތުން ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތަކީ ބުރަބޮޑު މަސައްކަތަކަށްވާއިރު، އެމަސައްކަތް ކުރަންޖެހޭނީވެސް ވިސްނުންތެރިކަމާއި ފަރުވާތެރިކަމާއެކުކަމަށެވެ. އެގޮތުން އާދައިގެ ކާގޯއެއް އެއް ތަނުން އަނެއް ގެންދިއުމާއި ވެކްސިނެއް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަކީ ވަރަށް ތަފާތު ދެ މަސައްކަތެއްކަމަށް އަޔާޓާއިން ބުނެއެވެ. އެގޮތުން ކޮންމެ ކޮންމެ މަތިންދާބޯޓެއްގައި ވެކްސިން ޑެލިވަރީ ނުކުރެވޭއިރު، އެކަމަށް ބޭނުންކުރަންޖެހެނީ ވަކި ޚާއްސަ ފިނިހޫނުމިނެއްގައި ހުންނަ މަތިންދާބޯޓުތަކެއްކަމަށް އަޔާޓާއިން ބުނެއެވެ. އަދި އެފްރިކާފަދަ ސަރަޙައްދުތަކަށް ވެކްސިން ފޯރުކޮށްދިނުމުގައިވެސް ބަލަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން އަޔާޓާއިން ފާހަގަކުރެއެވެ.

މުޅި ދުނިޔެއަށް ބޭނުންވާ ވަރަށް ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް ވައިގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ތައްޔާރުވަމުންދާއިރު، ކޯވިޑްއަށް 140 އަށްވުރެ ގިނަ ވެކްސިން ދަނީ އުފެއްދުމުގެ މަސައްކަތްކުރަމުންނެވެ. މީގެތެރެއިން ބައެއް ވެކްސިންތައް ދަނީ މިހާރު އިންސާނުންނަށް ދެމުންނެވެ. ތަޖުރިބާކާރުން ބުނާގޮތުން އަންނަ އަހަރު ކުރީކޮޅު ކޯވިޑްއަށް ވެކްސިނެއް ލިބުމަކީ ވަރަށް ގާތްކަމެކެވެ.