ދުނިޔޭގެ ވިޔަފާރި

ވާވޭގެ ފޯނުތަކަށް ބޭނުންވާ ޑިސްޕްލޭ ޕެނަލް ވިއްކުން ސެމްސަންގއާއި އެލްޖީން ހުއްޓާލަނީ


ސްމާޓް ފޯނުތަކުގެ ޑިސްޕްލޭއަށް ބޭނުންވާ ބައެއް ޕެނަލްތައް ވާވޭއަށް ފޯރުކޮށްދިނުން ހުއްޓާލުމަށް ސެމްސަންގ އާއި އެލްޖީން ނިންމައިފިއެވެ.

ސްމާޓް ފޯނު އުފައްދާ ޗައިނާގެ މަޝްހޫރު ކުންފުނި، ވާވޭއަށް ވިއްކާ ބައެއް ތަކެތި ފޯރުކޮށްދިނުން ހުއްޓާލުމަށް ސެމްސަންގ އާއި އެލްޖީން ނިންމީ އެމެރިކާއިން ވާވޭއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެނެވެ.

އެމެރިކާއިން މިދިޔަ އޮގަސްޓްމަހު ވާވޭއާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި، އެމެރިކާގެ ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން އުފައްދާފައިވާ އެއްވެސް އުފެއްދުމެއް، އެއްވެސް ކުންފުންޏަކަށް ވާވޭއަށް ވިއްކުން ވަނީ މަނާކޮށްފައެވެ.

ޚަބަރުތައް ބުނާގޮތުން ވާވޭގެ ފޯނުތަކަށް ބޭނުންވާ ބައެއް ޕެނަލްތަކާއި ޑިސްޕްލޭތައް ވިއްކުން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ސެމްސަންގއާއި އެލްޖީން ހުއްޓާލާނެއެވެ. މިކަމާ ގުޅޭގޮތުން ސެމްސަންގއިން ރަސްމީކޮށް ވާހަކަދައްކާފައެއް ނުވެއެވެ. ނަމަވެސް އެލްޖީން ބުނީ ވާވޭއާއެކު ވިޔަފާރިކުރުން ހުއްޓާލިނަމަވެސް އެލްޖީއަށް މާބޮޑު ގެއްލުމެއް ނުވާނެކަމަށެވެ. އެއީ ވާވޭއަށްވުރެ އެޕަލްގެ އުފެއްދުންތަކަށް އެލްޖީން ސަޕްލައިކުރަންޖެހޭ ތަކެތި މާބޮޑަށް އިތުރުވުމުންނެވެ.

ޗައިނާއާއި އެމެރިކާއާ ދެމެދު ހިނގާ ވިޔަފާރި ހަނގުރާމައިގައި އެންމެ ބޮޑު އަސަރެއް ކުރަމުންދާ އެއް ކުންފުންޏަކީ ޗައިނާގެ ވާވޭ ކުންފުންޏެވެ. އެގޮތުން އެމެރިކާއަށް ވާވޭގެ އެއްވެސް ހާޑްވެއަރއެއް އެތެރެކުރުން މަނާކޮށްފައިވާއިރު، ވާވޭއާއެކު ވިޔަފާރީގެ މުއާމަލާތްތައް ހިންގުންވެސް އެމެރިކާއިން ވަނީ ވަރަށް ބޮޑަށް ހަރުކަށިކޮށްފައެވެ.

ވާވޭގެ އިތުރުންވެސް ޗައިނާގެ އެހެން ބައެއް ޓެކްނޮލޮޖީ ކުންފުނިތަކާ ދެކޮޅަށްވެސް އެމެރިކާއިން ދަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެމެރިކާއިން ތުހުމަތުކުރާ ގޮތުގައި ވާވޭއާއި ޗައިނާގެ ބައެއް ކުންފުނިތަކުން ދަނީ ކަސްޓަމަރުންގެ ސިއްރު މައުލޫމާތު ޗައިނާ ސަރުކާރަށް ފޯރުކޮށްދެމުންނެވެ. ނަމަވެސް ޗައިނާއިން މިތުހުމަތުތައް ދޮގުކުރެއެވެ.