ދުނިޔޭގެ ވިޔަފާރި

އިނގިރޭސިވިލާތުގެ އިޤްތިޞާދަށް މިދިޔަމަހު 6.6 އިންސައްތައިގެ ކުރިއެރުމެއް


އިޤްތިޞާދު މަޑުޖެހިފައި އޮތުމަށްފަހު މިދިޔަމަހު އިނގިރޭސިވިލާތުގެ އިޤްތިޞާދަށް 6.6 އިންސައްތައިގެ ކުރިއެރުމެއް ލިބުނުކަމަށް އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ނެޝަނަލް ސްޓެޓިސްޓިކްސް އޮފީހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ކުރީކޮޅުން ފެށިގެން އިނގިރޭސިވިލާތުގެ އިޤްތިޞާދު ހީނަރުވަމުން ދިޔަނަމަވެސް، މިދިޔަ 3 މަހު އަނެއްކާވެސް އިޤްތިޞާދަށް ވަނީ ކުރިއެރުންތަކެއް ލިބިފައެވެ.

އިނގިރޭސިވިލާތުގެ އިޤްތިޞާދަށް އަނެއްކާވެސް ކުރިއެރުން ލިބެން ފަށާފައި މިވަނީ ކޯވިޑްއާ ގުޅިގެން ބަންދުކޮށްފައިވާ ބައެއް ވިޔަފާރިތައް އަލުން ހުޅުވުމުގެ ހުއްދަ މިދިޔަމަހު ދީފައިވާތީކަމަށް ތަޖުރިބާކާރުން ބުނެއެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު ވިޔަފާރިތައް ހުޅުވުމުގެ ހުއްދަދޭން ނިންމާފައިވާއިރު، އެކަމުގެ ސަބަބުންވެސް އިނގިރޭސިވިލާތުގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ޚަބަރުތައް ބުނެއެވެ.

އިނގިރޭސިވިލާތުގެ އިޤްތިޞާދު މަޑުމަޑުން ހަމައަކަށް އެޅެމުންދިޔަނަމަވެސް، ކޯވިޑްގެ ކުރިން އިޤްތިޞާދު އޮތް ހިސާބަށް އަނެއްކާވެސް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އިނގިރޭސިވިލާތުގެ ސެންޓްރަލް ބެންކުން ލަފާކުރާ ގޮތުގައި އިނގިރޭސިވިލާތުގެ ޖީޑީޕީ ނުވަތަ ޤައުމީ އުފެއްދުންތެރިކަން މިއަހަރު 9.5 އިންސައްތަ އަޑި އަޅާލާނެއެވެ. މިއީ މިދިޔަ 99 އަހަރުތެރޭގައި މިހާ ދަށަށް އެޤައުމުގެ އިޤްތިޞާދު ދިޔަ ފުރަތަމަ ފަހަރެވެ. ސެންޓްރަލް ބެންކުން ކުރިން ލަފާކުރީ ޖީޑީޕީ 14 އިންސައްތަ ދަށަށް ދާނެކަމަށެވެ. އެގޮތަށް އެކަން ހިނގިނަމަ، އެއީ މިދިޔަ 300 އަހަރުތެރޭގައިވެސް ކުރިމަތިނުވާވަރުގެ ގެއްލުމަކަށްވާނެއެވެ.

އިނގިރޭސިވިލާތުގެ އިޤްތިޞާދު އަޑިއަޅާލާނެކަމަށް ކުރިން ލަފާކުރި މިންވަރަށް އަޑިއަޅާނުލިޔަސް، އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުން ކުރިއަށްދާނީ ވަރަށް ލަސް ދުވެއްޔެއްގައިކަމަށް އެޤައުމުގެ ސެންޓްރަލް ބެންކުން ބުނެއެވެ.

ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ކޯވިޑްގެ ކުރިން އިނގިރޭސިވިލާތުގެ އިޤްތިޞާދު އޮތް ހާލަތަށް އަލުން ރުޖޫޢަވާނީ 2021 ވަނަ އަހަރު ނިމޭހާ ތާނގައެވެ.