ތަޢުލީމު

އެޑިއުކޭޝަން މިނިސްޓަރ ހއގެ ސްކޫލުތަކަށް ޒިޔާރަތްކުރައްވައިފި


އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު ޝިހާމް ހއ. އަތޮޅުގެ ހުރިހާ ސްކޫލަކަށް ޒިޔާރަތްކުރައްވާ އެރަށްރަށުގެ ސްކޫލްތަކުގެ ހާލަތު ބައްލަވާލައްވައިފިއެވެ.

ރާއްޖޭގެ އަތޮޅުތަކުގެ ސްކޫލްތަކުގެ ހާލަތު ބައްލަވާލެއްވުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން ހއ.އަތޮޅުގެ ސްކޫލްތަކުގެ ހާލަތު ބައްލަވާލެއްވުމަށް މިނިސްޓަރ ކުރައްވާ މި ދަތުރުފުޅު ފެއްޓެވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

މިނިސްޓަރ ހއ އަށް ކުރެއްވި މި ދަތުރުފުޅު މިއަދު ނިންމާލައްވާއިރު، މިހާތަނަށް ރާއްޖޭގެ 12 އަތޮޅެއްގެ ސުކޫލުތަކަށް މިނިސްޓަރ ވަނީ ޒިޔާރަތް ކުރައްވާފައެވެ.

މީގެ އިތުރުން، މިއަދު އުތީމަށް ކުރެއްވި ދަތުރުފުޅުގައި މިނިސްޓަރވަނީ އުތީމް ގަންޑުވަރުވެސް ބައްލަވާލައްވާފައެވެ.

މިނިސްޓަރ ހއ. އަތޮޅަށް ކުރެއްވި މި ދަތުރުފުޅުގައި ސުކޫލުތަކުގެ ސީނިއަރ މެނޭޖްމަންޓާއި ޓީޗަރުންނާއި، ސުކޫލް ބޯޑާއި ޕީޓީއޭ ހިންގާ ކޮމިޓީއާއި ކައުންސިލާއި ވަނީ ބައްދަލުކުރައްވާފައެވެ.

މިބައްދަލުވުންތަކުގައި މިނިސްޓަރ އައިޝަތު ޝިހާމް ވަނީ ސްކޫލްތަކުގެ ކިޔެވުން އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތަކާއި ގުޅޭގޮތުން މަޝްވަރާކޮށް މައުލޫމާތުދީފައިވެއެވެ. އަދި ދަރިވަރުން ހުނަރުވެރި ކުރުވައި މުޖުތަމައުއަށް ފައިދާހުރި ބަޔަކަށް ހެދުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ބެހޭ މައުލޫމާތުވެސް ހިއްސާ ކުރެއްވިއެވެ.

މީގެ އިތުރުން ކިޔަވައިދިނުމުގައި ޓީޗަރުންނަށް ދިމާވާ ގޮންޖެހުންތަކާއި މައްސަލަތަކާއި ގުޅޭގޮތުންވެސް މިނިސްޓަރ ވަނީ ބައްދަލުވުންތަކުގެ ބައިވެރިންނާ ހިއްސާކުރައްވާފައެވެ. އެގޮތުން ދަރިވަރުންނަށް ހުނަރު ދަސްކޮށްދިނުމަށް އެޑިޔުކޭޝަން މިނިސްޓްރީން ފަށާފައިވާ “ދަސްވާރު” ޕްރޮގްރާމް އާއި މިދިޔަ އަހަރު އަލަށް ފާށާފައިވާ “ބީޓެކް” ޕްރޮގްރާމްއާއި އަދި ޓިވެޓް އޮތޯރިޓީން ހިންގަވަމުންގެންދާ ކޯސްތަކާގުޅޭގޮތުން މައުލޫމާތުވެސް ހިއްސާކޮށްފައިވެއެވެ.