ވިޔަފާރި

ރާއްޖެއަށް މާލީގޮތުން އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެނީ އިންޑިޔާއިން- މިނިސްޓަރ އަމީރު


ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމާ ޚަވާލުވެވަޑައިގަތް ފަހުން އިންޑިޔާއިން ރާއްޖެއަށް ދެމުންދާ މާލީ އެހީތެރިކަމަކީ ރާއްޖޭގެ ތާރީޙުގައިވެސް އެއް ޤައުމަކުން ރާއްޖެއަށް ވެދީފައިވާ އެންމެ ބޮޑު މާލީ އެހީތެރިކަންކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެވެ.

ފިނޭންސް މިނިސްޓަރ މިހެން ވިދާޅުވީ އިންޑިޔާ ސަރުކާރުން ދެއްވާ 250 މިލިއަން ޑޮަލަރުގެ މާލީ އެހީ ދިވެހި ސަރުކާރާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ އިންޑިޔާއިން ރާއްޖެއަށް މާލީގޮތުން ގިނަ އެހީތަކެއްވަމުންދާ ކަމަށެވެ. އެގޮތުން 2018 ވަނަ އަހަރު އިންޑިއާއިން ރާއްޖެއަށް 1.4 ބިލިއަން ޑޮލަރު ކްރެޑިޓް ފެސިލިޓީއެއް ދީފައިވާއިރު، މި އެހީގެ ބޭނުން މިހާރުވެސް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އިންޑިޔާ ސަރުކާރުން ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖް މަޝްރޫއަށް 500 މިލިއަން ޑޮލަރުގެ އެހީ ދީފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ގްރޭޓަރ މާލެ ކަނެކްޓިވިޓީ މަޝްރޫޢުތައް އިންޑިއާއިން 500 މިލިއަން ޑޮލަރުގެ އެހީއެއް ދީފައިވާއިރު، އޭގެތެރެއިން 100 މިލިއަން ޑޮލަރަކީ ހިލޭ އެހީ، އަދި 2018ވަނަ އަހަރު ދީފައިވާ 1.4 ބިލިއަން ޑޮލަރު ކްރެޑިޓް ފެސިލިޓީއެއްވެސް ވަނީ ދީފައި، އަދި ރާއްޖޭގައި ކުރިއަށްދާ މަޝްރޫޢުތަކަށްވެސް އިންޑިއާއިން ދަނީ މާލީ އެހީތެރިކަން ފޯރުކޮށްދެމުން" އަމީރު ވިދާޅުވިއެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން އިންޑިއާއިން ވަނީ އެކި ގޮތްގޮތުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ޗައިނާގެ ވޫހާން ސިޓީގައި ތިބި 9 ދިވެހިން ރާއްޖެ ގެނެސްދިނުމާއި، އިންޑިޔާގެ އެކި ހިސާބުތަކުގައި ތިބި ހާހެއްހާ ދިވެހިން ރާއްޖެ ގެނެސްދިނުމަށް އެހީތެރިވުމުގައި އިންޑިޔާއިން އެހީތެރިކަން ފޯރުކޮށްދިނެވެ. އަދި ރާއްޖެއަށް ބޭނުންވާ ބޭހާއި ކާބޯތަކެތި ހުއްޓުމެއް ނެތި ރާއްޖެއަށް ލިބޭނެ މަގު ފަހިކޮށްދިނުމާއި، ގިނަ އަދަދެއްގެ ބޭހާއި ކާބޯތަކެތި ހިލޭ އެހީގެ ގޮތުގައިވެސް އިންޑިއާއިން ވަނީ ފޯރުކޮށްދީފައެވެ. މީގެއިތުރުން އިންޑިއާގެ ބޯޑަރުތައް ބަންދުކޮށްފައި އޮތްއިރު، ރާއްޖެއިން ލިބެން ނެތް ފަރުވާ ބޭނުންވާ ހާލުދެރަ ބަލިމީހުންނަށް ބޭސްފަރުވާއަށް އިންޑިޔާއަށް ދަތުރުކުރުމުގެ މަގުވެސް އެޤައުމުން ވަނީ ފަހިކޮށްދީފައެވެ. އަދި މި އެހީތެރިކަމުގެ ދަށުން ގިނަ އަދަދެއްގެ ދިވެހިން މިހާރުވެސް ދަނީ އިންޑިޔާގައި ފަރުވާ ހޯދަމުންނެވެ.