މިފްކޯއިން މަސްވެރިނަށް ދޭން ޖެހޭ ފައިސާއާއި، މަސްވެރިން މިފްކޯއިން ހޯދާ ހިދުމަތްތަކަށް ދައްކަން ޖެހޭ ފައިސާ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަށް ޙާއްސަ އެޕްލިކޭޝަނެއް ތައާރަފްކުރުމަށް މިފްކޯއިން ނިންމައިފިއެވެ.
މިފްކޯއިން ބުނީ މި އެޕްލިކޭޝަން ތައާރަފްވެގެން ދިޔުމުން މަސްކިރުމަށްފަހު ލިބެން ޖެހޭ ފައިސާ މަސްވެރިންނަށް ޖަމާކުރުމާއި، މަސްވެރިން މިފްކޯއިން ޑީސެލާއި އައިސް ގަތުމަށްފަހު ފައިސާ ދެއްކުން ކުރިއަށްދާނީ މި އެޕްލިކޭޝަން މެދުވެރިކޮށްކަމަށެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން މިފްކޯއިން ސީއީއޯ އިސްމާއިލް ފައުޒީ މި އެޕްލިކޭޝަންގެ މަސައްކަތަށް މިހާރު ކުރަމުންދާކަމަށާއި، އަންނަ ނޮވެމްބަރުމަހުގެ ފަހުކޮށް އެޕްލިކޭޝަން ބޭނުންކުރަން ފެށޭވަރު ވާނެކަމަށެވެ.
" އެޕްލިކޭޝަންގެ ތެރެއިން ވަރަށް ބޮޑެތި ލުއިފަސޭހަތެކެއް ލިބިގެންދާނެ، ފައިސާ ދެއްކުމުގެ އިތުރަށް މިފްކޯގެ ސެންޓަރުތަކުން ލިބޭ ޙިދުމަތްތައް މިސާލަކަށް ތެޔޮ ގަތުމަށްފަހު ބިލްވެސް ޑިޖިޓަލްވާނެ އެޕްލިކޭޝަން ތެރެއިން، އަދި އައިސް ގަތުމަށްފަހުވެސް ބިލް ފެންނާނެ އެޕްލިކޭޝަން ތެރެއިން، މަސްވެރިންނަށް ހުރިހާ ބިލްތަކެއްގެ ތަފްސީލް މި އެޕްލިކޭޝަންގެ ތެރެއިން ފެންނާނެ،" އިސްމާއިލް ވިދާޅުވިއެވެ.
މިފްކޯއިން މިހާތަނަށް މަސްވެރިންނާއެކު ފައިސާގެ މުއާމަލާތްތައް ކުރަމުންދިޔައީ ނަގުދު ފައިސާއިންނެވެ. އެހެންނަމަވެސް މި އެޕްލިކޭޝަން ލޯންޗުކުރުމުން މިފްކޯއިން މަސްވެރިންނާއެކު ފައިސާގެ މުއާމަލާތްތައް މީގެފަހުން ކުރާނީ އޮންލައިންކޮށެވެ.
މިހާރުވެސް މިފްކޯއިންދަނީ އެކުންފުންޏަށް ކިރާ މަހުގެ ފައިސާ އޮންލައިންކޮށް މަސްވެރިންނަށް ޖަމާކޮށްދެމުންނެވެ. އަދި މިއީ މަސްވެރިންނަށްވެސް އަދި މިފްކޯއަށްވެސް އޭގައި ފަސޭހަތަކެއް ހުރި ކަމެއް ކަން އިސްމާއިލް ފާހަގަކުރެއެވެ.
މިދިޔަ އަހަރު މިފްކޯއާއި ބޭންކް އޮން މޯލްޑިވްސްއާއި ގުޅިގެން ތައާރަފްކޮށްފައިވާ މަސްވެރިޔާ ކާޑު ހުރިހާ މަސްވެރިންވެސް ބޭނުންކުރަން ފެށުން މުޙިއްމު ކަމަށް އިސްމާއިލް ވިދާޅުވިއެވެ.
" ކޮންމެ ފަޅުވެރިއަކަށްވެސް މަސްވެރިޔާ ކާޑު އެބަ ހެދޭ، އެހެންވީމަ މި ކާޑު އެންމެން ހެދުން މުޙިއްމު، ލާރި ބަހާދުވަހު، ހަމަ އޮންލައިންކޮށް ފައިސާ ބަހާލެވޭނެ، މިއީ ލިބިގެންދާނެ ފައްސޭހައެއް މަސްވެރިންނަށްވެސް،" އިސްމާއިލް ވިދާޅުވިއެވެ.
ރާއްޖެއަށް މިދުވަސްކޮޅު މަސްވެރިކަން ރަނގަޅުކަމަށް މިފްކޯއިން ބުނެއެވެ. އެގޮތުން ދުވާލަކަށް އެވްރެޖްކޮށް މިހާރު 260 ޓަނުގެ މަސް މިފްކޯއަށް ކިރަމުންދާކަން މިފްކޯއިން ބުނެއެވެ. މިއަހަރުގެ މިހާތަނަށްވެސް މަސްވެރިންނަށް ގާތްގަނޑަކަށް 525 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް މިފްކޯއިން ހާމަކުރެއެވެ. އަދި މިދިޔަ އަހަރުވެސް މިފްކޯއިންވަނީ 903 މިލިއަން ރުފިޔާ ފައިސާގެ ގޮތުގައި މަސްވެރިންނަށް ދެވިފައިވާ ކަމަށް މިފްކޯއިން ހާމަކުރެއެވެ.