ކުޅިވަރު

އެންމެ މޮޅު ކޯޗުގެ މަގާމަށް ޖަރުމަނު ތިން ކޯޗުން ވާދަކުރަނީ


ޔުއެފާއިން ހޮވާ މިދިޔަ ސީޒަންގެ އެންމެ މޮޅު ކޯޗަކަށް ޖަރުމަނު ތިން ކޯޗުން ނޮމިނޭޓް ވެއްޖެއެވެ.

މިމަގާމަށް ވާދަކުރަނީ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕްގެ އިތުރުން ޖަރުމަނު ބުންޑެސް ލީގުގެ ދެ ކޯޗުން ކަމަށްވާ ބަޔާން މިއުނިކްގެ ކޯޗު ހެންސީ ފްލިކް އާއި ލީޕްޒިގްގެ ކޯޗު ޖޫލިޔާން ނާގަލްސްމަންއެވެ.

ކްލޮޕް ވަނީ މިދޔަ ސީޒަނުގައި 30 އަހަރަށްފަހު ލިވަޕޫލަށް ޕްރިމިއަރ ލީގުގެ ތަށި ހޯދައިދީފައެވެ. އުމުރުން 53 އަހަރު ކުލޮޕް ލިވަޕޫލާއެކު ލީގު ނިންމާލީ 99 ޕޮއިންޓާއެކުއެވެ. ދެވަނާގައި ނިންމާލި މެންޗެސްޓަރ ސިޓީއާ އަށާރަ ޕޮއިންޓުގެ ފަރަގެއް އޮތްއިރު ލިވަޕޫލުން ލީގުގައި ބަލިވެފަ ވަނީ ތިން މެޗުންނެވެ.

ބަޔާން މިއުނިކުން މިދިޔަ ސީޒަނުގައި އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ފުރަތަމަ ފެނުނު ހެންސީ ފްލިކް ބަޔާންގެ ކޯޗުގެ މަގާމާ ހަވާލުވީ މިދިޔަ ނޮވެމްބަރު މަހުއެވެ. ބަޔާން މިއުނިކަށް މިދިޔަ ސީޒަނުގައި ތިން ތަށި ހޯދައިދިން އިރު ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ތަށި ހަވަނަ ފަހަރަށް ބަޔާން މިއުނިކުން ހޯދީވެސް ފްލިކްގެ ކޯޗުކަމުގެ ދަށުންނެވެ. ބަޔާންއިން ލީގު ނިންމާލީ ދެވަނާގައިވާ ބޮރޫޝިޔާ ޑޯޓްމަންޑަށް ވުރެ 13 ޕޮއިންޓު ކުރީގައި އޮވެގެންނެވެ.

ނާގަލްސްމަން ވަނީ މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ފުރަތަމަ ފަހަރަށް ސެމީ ފައިނަލާ ހަމައަށް ލީޕްޒިގް ގެންގޮސްދީފައެވެ. އުމުރުން 33 ނާގަލްސްމަންއަކީ ޗެމްޕިއަންސް ލީގު ތާރީހުގަވެސް ސެމީ ފައިނަލާ ހަމައަށް ދަތުރުކުރި އެންމެ ޒުވާން ކޯޗެއެވެ. މިއީ ޔުއެފާއިން އަހަރުގެ އެންމެ މޮޅު ކޯޗު ހޮވާ ފުރަތަމަ ފަހަރެއެވެ.