ކުޅިވަރު

ބަޔާން މިއުނިކަށް އިހުތިރާމް ކުރަން، އުއްމީދަކީ މޮޅުވުން: ލޮޕެޓީގް


ޔުއެފާ ސުޕަ ކަޕުގައި ޖަރުމަނުގެ ބަޔާން މިއުނިކާ ދެކޮޅަށް ނުކުންނައިރު އެޓީމަށް އިހުތިރާމް ކުރާކަމަށާއި އުއްމީދަކީ ސުޕަ ކަޕް ކާމިޔާބުކުރުން ކަމަށް ސްޕެއިންގެ ސެވިއްޔާގެ ކޯޗު ހުލެން ލޮޕެޓީގް ބުނެފިއެވެ.

މެޗަށް ނުކުތުމުގެ ކުރިން ވާހަކަ ދައްކަމުން ލޮޕެޓީގް ބުނީ ހުސްވި ސީޒަނެކޭ އެއްގޮތަށް ބަޔާން މިއުނިކް އޮތީ ވަރުގަދަކޮށް ކަމަށެވެ. މިއީ ކޮންމެ އަހަރަކު ލިބޭ ފުރުސަތެއް ނޫންކަމަށާއި އެހެންކަމުން މި ފުރުސަތުގައި ސުޕަ ކަޕް ކާމިޔާބުކުރަން ބޭނުންވާކަމަށް ލޮޕެޓީގް ބުންޏެވެ. އޭނާ ބުނީ އިދިކޮޅަށް ނުކުންނަ ބަޔާން މިއުނިކް ޓީމަކީ މޮޅެތި ކުޅުންތެރިން ގިނަ ޓީމެއް ކަމަށެވެ. ލޮޕެޓީގް ބުނީ ސެވިއްޔާއަކީ ބަޔާން މިއުނިކަށް ދޫނުކުރާނެ ޓީމެއް ކަމަށާއި މިއަދާ ހަމަޔަށް އޭނާ ޓީމާ ހަވާލުވެ ހޯދި ކާމިޔާބީތަކަށް ފަހުރުވެރިވާކަމަށެވެ.

މިދިޔަ ސީޒަންގައި ހަވަނަ ފަހަރަށް ޔޫރޮޕާ ލީގު ކާމިޔާބުކުރި ކޯޗު ބުނީ ވަރުގަދަ މެޗެއް ފެންނާނެކަމުގެ އުންމީދު އެބައޮތްކަމަށާއި މެޗު ފަސޭހައެއް ނުވާނެކަމަށެވެ. އުންމީދަކީ ބަޔާން މިއުނިކްގެ މައްޗަށް މެޗުގައި ކުރި ހޯދުންކަމަށް ސެވިއްޔާގެ ކޯޗު ބުންޏެވެ. ލޮޕެޓީގް ބުނީ ހުސްވި ސީޒަންގައި ޔޫރޮޕާ ލީގު ކާމިޔާބުކުރުމަށް ޓީމަށް އަރާމުކުރަން ލިބުނީ މަދު ދުވަސްކޮޅެއް ކަމަށާއި އެކަމުގެ ޝަކުވާކުރަން ބޭނުންނުވާކަމަށެވެ. ޓީމާ މި ސިޒާނުގައި ގުޅުނު ކުޅުންތެރިންނާއެކު ޓީމު އޮތީ ވަރުގަދަކޮށް ކަމަށް ރެއާލް މެޑްރިޑުގެ ކުރީގެ ކޯޗު ބުންޏެވެ.