ކުޅިވަރު

ބަޔާން މިއުނިކުގެ ކީޕަރު ނޯޔާ ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާދަކުރަނީ


ޔުއެފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ބަޔާން މިއުނިކް ކީޕަރު އަދި ކެޕްޓަން މެނުއަލް ނޯޔާ ނޮމިނޭޓް ވެއްޖެއެވެ.

މި އެވޯޑަށް ނޯޔާގެ އިތުރުން ބަޔާން މިއުނިކް ލެވޮންޑެސްކީ ވެސް ވާދަކުރެއެވެ. މި އެވޯޑަށް ވާދަކުރާ ތިންވަނަ ކުޅުންތެރިޔަކީ މެންޗެސްޓަރ ސިޓީގެ ކެވިން ޑިބްރޭނާއެވެ. މި އެވޯޑަށް ވާދަކުރާ ނޯޔާ ވަނީ މިދިޔަ ސީޒަންގައި ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ހަ ކްލީން ޝީޓް ހަމަކޮށްފައެވެ. އޭނާ ވަނީ 2014 ވަނަ އަހަރު މި އެވޯޑަށް ވާދަކޮށްފައެވެ.

ލެވޮންޑެސްކީ ވަނީ ހުސްވި ސީޒަންގައި ބަޔާން މިއުނިކަށް 47 މެޗު ކުޅެ 55 ލަނޑު ޖަހައިދީފައެވެ. މި ދެ ކުޅުންތެރިންނާއެކު ބަޔާނުން ވަނީ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތާއި ޖަރުމަނު ލީގާއި ޖަރުމަނު ކަޕު ކާމިޔާބުކޮށްފައެވެ.

އިނގިރޭސި ކުލަބު މެންޗެސްޓަރ ސިޓީގެ މިޑްފީލްޑަރ ކެވިން ޑިބްރޭނާ ވަނީ ހުސްވި ސީޒަނުގައި ސިޓާއަށް ޕްރިމިއަރ ލީގުގައި 20 އެސިސްޓް ހަދާ 13 ލަނޑު ކާމިޔާބުކޮށްދީފައެވެ.

މިދިޔަ ސީޒަނުގެ ޔޫރަޕުގެ އެންމެ މޮޅު ކުޅުންތެރިޔާ އިއުލާން ކުރުން އޮންނާނީ އަންނަ މަހު އޮންނަ ޗެމްޕިއަންސް ލީގުގެ ގުރުއަތުލުމުގެ ރަސްމިޔާތުގައެވެ. މިއީ 10 އަހަރު ފަހުން ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއާ ދެ ކުޅުންތެރިން މި އެވޯޑަށް ނޮމިނޭޓް ނުވާ ފުރަތަމަ ފަހަރުއެވެ.