ކުޅިވަރު

މި ކާމިޔާބީ ގަބޫލްކުރަން ވެސް ދަތި: މުލާ


ސެއްވިޔާ ބަލިކޮށް ޔުއެފާ ސުޕަ ކަޕު ކާމިޔާބުކުރެވުމަކީ ގަބޫލްކުރަންވެސް ދަތި ކާމިޔާބީއެއްކަމަށް ބަޔާން މިއުނިކްގެ ތޯމަސް މުލާ ބުނެފިއެވެ.

މެޗަށްފަހު ވާހަކަދައްކަމުން މުލާ ބުނީ ހީކުރިގޮތާއި އެއްގޮތަށް ބަޔާން އާއި ދެކޮޅަށް ސެވިއްޔާއިން ވަރުގަދަ ކުޅުމެއް ދެއްކި ކަމަށާއި މި މެޗުން ބަޔާން މޮޅުވިކަމުގައި ވިޔަސް ހޯދުނީ އުނދަގޫ މޮޅެއްކަމަށެވެ. މެޗުން މޮޅުވީ ކުޅުންތެރިން ކުރި ބުރަ މަސައްކަތުން ކަމަށާއި މޮޅުވާނެކަން ޓީމުގެ ކުޅުންތެރިން ބެހެއްޓި ވިސްނުމުން ކަމަށެވެ.

ރޭ ބަޔާން މިއުނިކަށް ދެއްކުނީ އެޓީމުގެ އެންމެ މޮޅު ކުޅުން ނޫންކަމަށްވެސް މުލާ ވަނީ ބުނެފައެވެ. ސުޕަ ކަޕް މެޗުން ބަޔާން މިއުނިކް މޮޅުވީ 90 މިނެޓް ކުޅުން ހަމަވިއިރު 1-1 އެއްވަރުވުމުން އިތުރަށް ކުޅުނު 30 މިނެޓްގައި މާޓިނޭޒް ކާމިޔާބުކުރި ލަނޑުންނެވެ.

މެޗަށްފަހު ވާހަކަ ދައްކުމުން މާޓިނޭޒް ބުނީ އޭނާ އަބަދުވެސް ކޮންމެ މެޗެއްގައި ޓީމަށް 100 ޕަސެންޓް ދޭ ކަމަށާއި ރޭވެސް ފެނިގެން ދިޔައީ އެކަންކަމަށެވެ. މިކަހަލަ ވަގުތުތަކުގައި އަބަދުވެސް ޓީމަށް އެހީތެރިވެވެތީ އުފާވާކަމަށް 2013 ވަނަ އަހަރު ވެސް ސުޕަ ކަޕުގައި ލަނޑު ޖެހި ކުޅުންތެރިޔާ ބުންޏެވެ. އޭނާ ބުނީ ދެވަނަ ފަހަރަށް މިތަށި އޭނާގެ ލަނޑަކުން ލިބުމުން މާ އުފާވާކަމަށެވެ. މި މޮޅާއެކު ބަޔާން މިއުނިކް ވަނީ ބަލިނުވެ ހިފަހައްޓަމުން އައި ރެކޯޑް ދަމަހައްޓާފައެވެ.