ދިވެހިރާއްޖެއިން ކޯވިޑް-19 އާއި ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެގޮތުންނާއި، ޞިއްޙީދާއިރާ އިތުރަށް ހަރުދަނާކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ރާއްޖެއަށް ބައެއް ތަކެތި މިއަދު ރަސްމީކޮށް ޙަވާލުކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި މިތަކެތި މިނިސްޓްރީ އޮފް ހެލްތާއި ޙަވާލުކޮށްދެއްވީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ. އަރުވިންދު މާތުރުއެވެ.
ޙެލްތު މިނިސްޓްރީން ވިދާޅުވީ މިއަދު ޙަވާލުކުރި ތަކެތީގެ ތެރޭގައި ހިމެނެނީ އައި.ސީ.ޔޫ ގައި ބޭނުންކުރާ ސާމާނާއި، ލެބޯޓްރީގައި ބޭނުންކުރާ ސާމާންކަމަށެވެ.
މިއަދު ޙަވާލުކުރި ތަކެތީގެ ތެރޭގައި ޕޯޓަބަލް ޑިޖިޓަލް އެކްސްރޭގެ އިތުރުން ލެބޯޓްރީގެ ބައެއް އައިޓަމްތަކާއި ޓެސްޓްކިޓް ހިމެނެއެވެ. މިތަކެއްޗާއިއެކު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމްކޮށްފައިވާ އައި.ސީ.ޔޫތަކާއި ލެބޯޓްރީތައް އިތުރަށް ތަރައްޤީކުރެވިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.
މިރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ހެލްތު ވަގުތީގޮތުން ހިންގެވުމާއި ޙަވާލުވެހުންނެވި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވަނީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ފަރާތުން ދިވެހިރާއްޖެއަށް މެދުނުކެނޑި ލިބެމުންދާ އެހީތެރިކަމަށްޓަކައި އެޖަމިއްޔާގެ ވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.
ދިވެހިރާއްޖޭގައި ކޯވިޑް-19 އަށް ޓެސްޓްކުރުމުގެ ޚިދުމަތް ކުރިއަށްގެންދިއުމަށްޓަކައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން މެދުނުކެނޑި ދަނީ ޓެސްޓްކިޓްތައް ފޯރުކޮށްދެމުންނެވެ. މިގޮތުން ޕީ.ސީ.އާރު ޓެސްޓްކިޓްގެ އިތުރުން ޖީން އެކްސްޕާޓް ކާޓްރިޖްގެ 15،000 އަށް ވުރެ ގިނަ ކާޓްރިޖް އެޖަމިއްޔާގެ ފަރާތުން ރާއްޖެއަށްވަނީ ހަދިޔާ ކުރައްވާފައެވެ.