ކުޅިވަރު

އަލަށް ޕްރޮމޯޓްވި ބެނެވެންޓޯ ކޮޅަށް އިންޓަ މިލާނުން 5 ލަނޑު ޖަހައިފި


އިޓާލިއަން ލީގަށް އަލަށް ޕްރޮމޯޓްވި ބެނެވެންޓޯ ކޮޅަށް 5 ލަނޑު ޖަހާ އިންޓަ މިލާނުން ފެންވަރު ދައްކާލައިފިއެވެ.

މި މެޗު އިންޓަ މިލާނުން ކާމިޔާބުކުރީ 5-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އިންޓަ މިލާންގެ ރޮމަލޫ ލުކާކޫ 2 ލަނޑު ޖެހިއިރު އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ ގަލިއާޑީނިޔާ އާއި އަޝްރަފް ހަކީމީގެ އިތުރުން މާޓީނޭޒްއެވެ. މިއީ އިންޓަ މިލާނާއި މިސީޒަނުގައި އަލަށް ގުޅުނު އަޝްރަފް ހަކީމީ އެޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑުއެވެ. މިހާތަނަށް ސެރިއާގައި އިންޓާ މިލާނުން ކުޅުނު ދެ މެޗުގައި ވެސް ވަނީ ގިނަ ލަނޑުތަކެއް ޖަހާފައެވެ. އެޓީމުން އިޓާލިއަން ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ފިއޮރެންޓީނާ ބަލިކުރީ 4-3 ގެ ނަތީޖާއަކުންނެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ސްޕީޒިއާއިން ވަނީ 10 މީހުންނާ އެކު ކުޅެ އުދިނޭޒީ 2-0 އިން ބަލިކޮށްފައެވެ. އެޓްލާންޓާއިން ވަނީ ލާޒިއޯގެ މައްޗަށް ކުރި ހޯދާފައެވެ. އެޓްލާންޓާއިން މެޗު ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި އެޓްލާންޓާގެ ތަރި ޕާޕޫ ގޯމޭޒް ވަނީ އެޓީމަށް ދެ ލަނޑު ޖަހައިދީފައެވެ. މި ނަތިޖާއެކު އެޓްލާންޓާއިން ދެ މެޗުން ހަ ޕޮއިންޓު ހޯދައިގެން ތާވަލުގެ ދެވަނައަށް ކުރިޔަށް ވަނީ ޖެހިލާފައެވެ. ހަމަ މިއަދަދަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން ތިންވަނައިގައި އިންޓަ މިލާން އޮތްއިރު އެއްވަނައިގަ އޮތީ ހަ ޕޮއިންޓާއެކު ނަޕޯލީއެވެ.