މާލޭ ހުކުރު މިސްކިތް މަރާމާތް މަރާމާރުކޮށް އާބާތުރަ ފިލުވުމަށް ކުރިއަށްގެންދިޔަ މަސައްކަތަށްފަހު އެމިސްކިތް އަލުން ހުޅުވައިފިއެވެ. މިސްކިތް އަލުން ހުޅުވާފައިވަނީ މިއަދު އަޞުރުނަމާދު ވަގުތުން ފެށިގެންނެވެ.
މާލެ ހުކުރު މިސްކިތުގެ އަބާތުރަފިލުވުމަށް ބަންދުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އެއް އަހަރު ދުވަހަށް މިސްކިތް ބަންދުކޮށްފައިވަނީ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރުމަށެވެ. މި މަސައްކަތް ކުރިއަށްގެންދަނީ އިންޑިއާގެ ޓީމެއްކަމަށްވާ "އަރކިއޮލޮޖިކަލް ސަރވޭ އޮފް އިންޑިއާ"އިންނެވެ. އާބާތުރަފިލުވުމުގެ މަސައްކަތުގެދަށުން މިސްކިތުން ކަތުރުފަނި ނައްތާލުމުގެ ފަރުވާ ދިނުމާއި، ހިރިގަލަށް ފަރުވާދިނުމާއި އަދި ކާޕެޓު ނަގައި ދިގުމުއްދަތަށް ދެމިހުންނާނެ ނެވިލޯންވަނީ ފްލޯގައި އަޅާފައެވެ.
އަދި ހުކުރު މިސްކިތު މުންނާރު އާބާތުރަ ފިލުމުގެ މަސައްކަތްވެސްދަނީ ކުރިއަށްގެންދަމުންނެވެ. މި މަސައްކަތް ކުރިއަށްގެންދަނީ ސްޓެލްކޯއިންނެވެ. ސްޓެލްކޯގެ އިޖްތިމާޢީ ޒިންމާގެދަށުން ކުރިއަށްގެންދާ މި މަސައްކަތުގައި މުންނާރު ސާފުކޮށް ކުލަލުން ހިމެނެއެވެ.
މިސްކިތް އަލުން ހުޅުވުމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ވަނީ އެ މިސްކިތައް ނަމާދަށްދާ މީހުންވެސް ކޯވިޑް 19 އާ ގުޅިގެން އެޗްޕީއޭއާއި ކަމާބެހޭ އިދާރާތަކުން ދެމުންގެންދާ އިރުޝަދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އިލްތިމާސްކުރައްވާފައެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމަމުން ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫނު ވިދާޅުވީ މިސްކިތް އަލުން ހުޅުވާފައިވަނީ ގިނަބަޔަކު އެދެމުންދަތީކަމަށެވެ. ކޯވިޑް-19އާ ގުޅިގެން މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްތައް މުޅިން ނުނިމުނުނަމަވެސް ނުނިމިހުރި މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު އަލުން ފެށުމުގެ މަސައްކަތް ކުރަން ނިންމަވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
" ގިނަ ދުވަސްވުމުގެ ސަބަބުން، ލަކުޑީގެ ބައިތަކަށް ކަތުރުފަނީގެ އަސަރުކޮށްފައި އެބަހުރި.މިސްކިތުގެ ހިރިގަލަށްވެސް ދޭންޖެހޭ ބައެއްކަހަލަ ފަރުވާތަކެއް އެބަހުރި. ލާމަރުކާޒީ އުޞޫލުގެ ދަށުން ސިޓީ ކައުންސިލުން ކުރަން ޖެހޭ ކަންތައްތަކާއި އިސްލާމިކް މިނިސްޓްރީން ކުރަންޖެހޭ ކަންކަން އެކުލަވާލާ އެއްބަސްވުމެއް ހެދުމުގެ މަސައްކަތްވެސް މިދަނީ ކުރަމުން ." މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.
މިސްކިތް މި ހަފްތާގައި ހުޅުވާފައި މިވަނީ މި ހަފްތާއަކީ އިސްލާމީ ދުނިޔޭގެ ޤައުމުތަކުން ފާހަގަކުރާ "ހެރިޓޭޖް ޑޭ އިން ދަ އިސްލާމިކް ވަރލްޑް" ދުވަސް ފާހަގަކުރާ ހަފްތާކަމަށްވާތީ އެއާ ގުޅުވައިގެންކަމަށް ހެރިޓޭޖް މިނިސްޓްރީން ވިދާޅުވެއެވެ. މިދުވަސްފާހަގަކުރުމުގެ މިއަހަރުގެ ޝިއާރަކީވެސް އާސާރީ ބިނާތަކާއި، ތަރިކައާއި ތާރީޚީ ތަންތަން އަދި ދާރުލް އާސާރުތަކަށް ލިބޭ ގެއްލުންތައް ޙައްލުކުރުމުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމެވެ.
1656ވަނަ އަހަރު ބިނާކުރެއްވި މާލެ ހުކުރު މިސްކިތަކީ ރާއްޖޭގައިވެސް ހުރި އެންމެ ދުވަސްވީ އަދި ތާރީޚީ އެއް މިސްކިތެވެ. މި މިސްކިތް ޚާއްސަވާ ސަބަބުތަށް ގިނައެވެ. ދިވެހިންގެ ހުނަރުވެރި އަތްތެރި މަސައްކަތްތަކާއި، ހިރިގަލުގެ މަސައްކަތްތައް ވަރަށް ފުރިހަމައަށް މި މިސްކިތުން ފެނެއެވެ. މިސްކިތް ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް ސަރުކާރުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.