ސަރުކާރުގެ ބުންވަރު ހުސްނުވާނޭކަމަށާ، ކުޅިވަރު
ކުޅޭ ފަރާތްތަށް ދާން ބޭނުންވާ ހިސާބަކަށް މި ސަރުކާރުން އެ ފަރާތްތަށް ގެންގޮސްދޭނޭކަމަށް
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ.
މިރޭ ދަރުބާރުގޭގައި "ކުޅިވަރު މެނިފެސްޓޯ
ޔަގީން" ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ
ހުރިހާކަމެއްވެސް އޮތީ ޒުވާނުންގެ އަތްމަތީގައި ކަމަށް. އެކަން އޮތީ ޒުވާނުން
މަސައްކަތްކުރި ވަރަކުންކަމަށާއި މި ސަރުކާރުން ކޮށްދެވެން ހުރިހާ ކަމެއް ޒުވާނުންނަށް
ކޮށްދެއްވާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސަރުކާރުން
އަޅާފައިވާ ފުޓްސަލް ދަނޑުތަށް ރަސްމީކޮށް އިފްތިތާހު ކުރެވުނު މި ޖަލްސާގައި
ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކުޅިވަރު ކުޅޭ ފަރާތްތަކުން އެއްވެސް
ގޮތަކަށް ބްރޯންޒް މެޑަލަށް ޓާގެޓް ނުކުރުމަށް ގޮވާލައްވާފައެވެ. ރައީސް ވިދާޅުވީ
ރާއްޖޭގެ އެތްލީޓުން އެންމެ ދަށްވެގެންވެސް ޓާގެޓް ކުރަންވީ ސިލްވަރ މެޑަލަކަށް
ކަމަށެވެ.
ރައީސް ވަނީ މި ޖަލްސާގައި އަލަށް ތަސްދީޤު ކުރެވުނު
ކުޅިވަރާ ބެހޭ ގާނޫނުން ލިބިގެންދާނެ ފައިދާތަކަށް އަލިއަޅުއްވާލާފައެވެ.
ޤައުމަށް އެންމެ ބޮޑަށް ބޭނުންވާ ބަޔަކީ
ޒުވާނުންކަން ފާހަގަކުރައްވައި ޒުވާނުންނަކީ ހަމައެކަނި ކުޅިވަރާ މުނިފޫހި
ފިލުވުމުގައި މަސްއޫލުވެ އުޅެންވީ ބަޔަކަށްނުވެ މުޖުތަމައު ބަދަލުކޮށް، އަންނަ ޖީލުގެ
ބިންގާ އަޅާ، ޤާބިލު ބަޔަކަށް ޒުވާނުން ވާންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ކުރިޔަށް އޮތް ޒުވާނުންގެ
އެވޯޑަށް ބަދަލުތަކެއް އަންނާނެކަން ފާހަގަކުރެއްވެވި. އެގޮތުން މިހާރު ޒުވާނުންގެ
އެވޯޑުގައި ނުހިމެނޭ މުހިންމު ބައިތަކަކުން އެވޯޑް ދެވޭނެކަމަށް ވިދާޅުވިއެވެ.