ޚަބަރު

ކޯވިޑް-19އިން އަރައިގަތުމުގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވަނީ އަންހެނުން - ޖެންޑަަރ މިނިސްޓަރ



ކޯވިޑް-19އާ ގުޅިގެން އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތައް އިތުރުވެގެން ދިޔަނަމަވެސް، މިޕެންޑަމިކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގެ އެންމެ އިސް ސަފުގައި ތިއްބެވީ އަންހެން ބޭފުޅުން ކަމަށް ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.


މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ މިހެން ވިދާޅުވީ އ.ދ ގެ ޖެނެރަލް އެސެމްބްލީގެ 75 ވަނަ ސެޝަންގައި "ފޯރތް ވަރލްޑް ކޮންފަރެންސް އޮން ވިމެން"އަށް ފަންސަވީސް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި އޮންލައިން ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، ކޯވިޑް-19އިން އަރައިގަތުމަށް ކުރާ މަސައްކަތުގައި ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ މަސައްކަތްތަކުގެ އެންމެ އިސް ދައުރުތަކުން ފެށިގެން ސާމްޕަލް ނެގުމާއި، ޓެސްޓް ހެދުމުގެ އެންމެ އިސްސަފުގައި އަންހެނުން ހަރަކާތްތެރިވަމުން އަންނަކަން ފާހަގަކުރެއްވިއެވެ. އަދި ޚާއްސަ ރައްކާތެރި ކަމަށް ބޭނުންވާ މީހުންނަށް ތައްޔާރުކުރި ވަގުތީ ހިޔާތައް ހިންގުމުގައި، ހިތްވަރުގަދަ، ހުނަރުވެރި އަދި ޤާބިލު އަންހެނުން ހަރަކާތްތެރިވަމުން ގެންދާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީގެ ވާހަކަފުޅުގައި، ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2019-2023ގައި، ބެއިޖިންގ ޑެކްލަރޭޝަނާއި ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލަށް ރިޢާޔަތްކޮށް އަންހެނުން ބާރުވެރިކުރުވުމާއި، ގޮތް ނިންމާ މަރުޙަލާގައި އަންހެނުންގެ ޙިއްސާ އިތުރުކުރުމާއި، އަންހެނުންނާއި މެދު ކުރެވޭ އެންމެހާއި ތަފާތުކުރުންތައް ނައްތާލުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.