ޚަބަރު

ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ހަފްތާގައި ހުޅުވާލަނީ


ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ހަފްތާގައި ހުޅުވާލާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ. ކޯވިޑް-19އާ ގުޅިގެން މިއަހަރު ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތް ބާއްވަން ނިންމާފައިވަނީ ވަރޗުއަލްކޮށެވެ.

ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތް ކޯވިޑް-19 ގެ މިހާލަތުގައިވެސް ބޭއްވުމަށް ނިންމާފައިވަނީ މި މުބާރާތަކީ ގިނަ ބައެއްގެ ތަރުހީބު ލިބޭ މުބާރާތަކަށް ވުމާއެކު މިހާލަތުގައިވެސް ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރުކުރުމަށްކަމަށް ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ވާރޗުއަލްކޮށް މުބާރާތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮޑިޝަން ބުރަކާއި ފައިނަލް ބުރެއް ހިމެނޭގޮތަށް ދެ ބުރަކަށް ބަހާލައިގެންކަމަށެވެ. މިމުބާރާތުގެ މަޢުލޫމާތުތައް ދާދި އަވަހަށް އާއްމުކުރައްވާނެކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އޮޑިޝަނަށް ހުށައަޅާ ރެކޯޑިންގްތައް މިމަހުގެ ނިޔަލަށް ބަލައި ނިންމާލާނެކަމަށެވެ. އަދި ފައިނަލް ބުރު އަންނަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދިޔުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

"މުބާރާތުގައި 3 ކެޓެގަރީއެއް ހިމެނޭނެ. އެއީ ބަލައިގެން ކިޔަވާ ކުދިންނާއި ނުބަލައި ކިޔަވާ ކުދިންނާއި ހާފިޒުންގެ ބައި. އޮޑިޝަނުން ހޮވޭ ކުދިންނަށް ފައިނަލް ބުރަށް ތައްޔާރުވުމަށް ނޮވެމްބަރު މަސް އެއްކޮށް ލިބޭނެ". އިސްލާމިކް މިނިސްޓަރ ޑރ.އަހްމަދު ޒާހިރު ވިދާޅުވިއެވެ.

34 ވަނަ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތް މި ފެށޭ ހަފްތާތެރޭ އިޢުލާންކޮށް އޮޑިޝަނަށް ވީޑިއޯ ފޮނުވުމުގެ ފުރުސަތު ހުޅުވާލާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އޮޑިޝަންގައި ވާދަކުރާ މީހުންގެ ތެރެއިން 80 މާކްސްއަށްވުރެ މަތިން މާކްސް ލިބޭ ހުރިހާ އެންމެން ފައިނަލް ބުރަށް ދަތުރުކުރާނެއެވެ. އެގޮތުން މުބާރާތް ބަހާލާފައިވާ 16 ކެޓަގަރީން ޖުމުލަ 640 ކުދިން ފައިނަލަށް ދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ފައިނަލް ބުރުގައި ކިޔަވާއިރު ޚާއްސަ އިންތިޒާމްތަކެއް ކޮންމެ ރަށެއްގައިވެސް ހަމަޖެހިފައި ހުންނާނެކަމަށެވެ. އެގޮތުން އެ ދަރިވަރުން ކިޔަވަންޖެހޭނީ މިނިސްޓްރީން ކަނޑައަޅާފައިވާ ތަނެއްގައި ކަމަށާއި ތަންހަމަޖެއްސުމުގެ މަސައްކަތް މިނިސްޓްރީ އޮފް އެޑިއުކޭޝަން އާ ގުޅިގެން ކުރަމުން އަންނަކަމަށެވެ. އަދި ފައިނަލްގައި ކިޔަވާއިރު އެ ފަރާތްތައް މޮނިޓަރ ކުރުމަށް ކޮންމެ ރަށެއްގައި 5 މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލުމަށްވެސް ވަނީ ނިންމާފައެވެ

އިސްލާމިކް މިނިސްޓަރ ވިދާޅުވީ ފައިނަލުގައި ދަރިވަރުން ކިޔަވަންޖެހޭނީ ވަރޗުއަލްކޮށް ވަގުތުންކަމަށްވާއިރު ދިމާވެދާނެ އިންޓަނެޓް މައްސަލައަކަށް ބަލައި އޭގެ ރެކޯޑިންވެސް މިނިސްޓްރީއަށް ލިބޭނެގޮތަށް ހަމަޖައްސާފައިވާކަމަށެވެ.

މިއަހަރުގެ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތް ވަރޗުއަލްކޮށް ބާއްވާއިރު މިއި މިފަދަ ބޮޑު މުބާރާތެއް މިފަދަ ގޮތަކަށް ބާއްވާ ފުރަތަމަ ފަހަރެވެ.