ޚަބަރު

ކަނޑަށް އެޅޭ ތެޔޮ ސާފުކުރުމަށް ބޭނުންވާ ސާމާނު ކުޅުދުއްފުއްޓަށް ގެންގޮސްފި


ރާއްޖޭގެ ކަނޑުތަކާއި ގޮނޑުދޮށްތަކަށް ތެޔޮއެޅި ތަޣައްޔަރުވާ ހާލަތެއްގައި ސާފުކުރުމަށާއި ގެއްލުންތައް ކުޑަކުރުމަށް ޖަޕާނުން އެމްއެންޑީއެފްއަށް ހަދިޔާކުރި ބައެއް ތަކެތި ހދ. ކުޅުދުއްފުއްޓަށް ގެންގޮސްފިއެވެ.

ކުޅުދުއްފުއްޓަށް ގެންދިޔަ މިތަކެއްޗަކީ އުތުރުގެ ސަރަހައްދަށް ޚާއްސަކޮށްފައިވާ ތަކެތިކަމަށާއި، މިތަކެތި ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ކަނޑަށް ތެޔޮ އެޅުންފަދަ ހާދިސާތަކުން ތިމާވެށި ސަލާމަތްކުރުމަށް ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

ރާއްޖޭގެ ކަނޑުތަކާއި ގޮނޑުދޮށްތަކަށް ތެޔޮއެޅި ތަޣައްޔަރުވާ ހާލަތެއްގައި ސާފުކުރުމަށާއި ގެއްލުންތައް ކުޑަކުރުމަށް 2.8 މިލިއަން ޑޮލަރުގެ ސާމާނު ޖަޕާނުން ރާއްޖެއަށް ހަދިޔާކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.

މިއީ ރާއްޖޭގެ ކަނޑަށް ތެޔޮއެޅި ތަޣައްޔަރުވުމުން ސަލާމަތްކުރުމަށްޓަކައި ޖަޕާނު ސަރުކާރުން ވެދެއްވި ބޮޑު އެހީއެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ. ކަނޑަށް އެޅޭ ތެޔޮ ނެގުމަށް ބޭނުންވާ ގިނަ ސާމާނު، ޖަޕާނުގެ މެރިޓައިމް ޕޮލިއުޝަން ރެސްޕޮންސް އެހީގެ ދަށުންވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ.

މެރިޓައިމް ޕޮލިއުޝަން ރެސްޕޮންސް ވަރުގަދަކުރުމަށްޓަކައި ޖަޕާނުން 2.8 މިލިއަން ޑޮލަރުގެ ސާމާނު ހަދިޔާކޮށްފައިވާއިރު އެއީ ދިވެހި ރުފިޔާއިން ބަލާއިރު ގާތްގަނޑަކަށް 43 މިލިއަން ދިވެހި ރުފިޔާއެވެ. އެހީގެ ސާމާނު ރާއްޖެއަށް ހަދިޔާކޮށްފައިވާއިރު މިދާއިރާއިން ކޯސްޓްގާޑްގެ 5 އޮފިސަރުން ޖަޕާނުގެ މެރިޓައިމް ޑިޒާސްޓަރ ޕްރިވެންޝަން ސެންޓަރުގައި ވަނީ ތަމްރީނުކޮށްފައެވެ.

ރާއްޖޭގެ ކަނޑުތައް ރައްކާތެރިކޮށް ބެލެހެއްޓުމުގައި ކޯސްޓްގާޑަށް އެހީތެރިވެ އެމަސައްކަތް އިތުރަށް ފުޅާކުރުމަށް ޖަޕާނު ސަރުކާރުން ވެދިން އެހީގެ ސަބަބުން ކަނޑުތައް ތަޣައްޔަރުވުމުން ރައްކާތެރިކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.