ޚަބަރު

ރާއްޖެއަކީ މިހާރުވެސް އަދި ކުރިއަށް އޮތްތަނުގައިވެސް ހަތިޔާރު އުފައްދާނެ ޤައުމެއް ނޫން - ފޮރިން މިނިސްޓަރ


ރާއްޖެއަކީ މިހާރުވެސް އަދި ކުރިއަށް އޮތްތަނުގައިވެސް ހަތިޔާރު އުފައްދާނެ ޤައުމެއް ނޫންކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

ދުނިޔެއިން ނިއުކްލިއަރ ހަތިޔާރުތައް އެއްކޮށް ނައްތާލުމަށް ބާރުއެޅުމަށް ފާހަގަކުރާ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން، އދގެ އާއްމު މަޖިލީހުގެ ހަވާސާގައި ބޭއްވި ޚާއްސަ ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ފޮނުއްވި ވީޑިއޯ މެސެޖުގައި ވަނީ ދުނިޔެއިން ނިއުކްލިއަރ ހަތިޔާރާއި، ބޮޑެތި ގެއްލުން ދެނިވި ހަތިޔާރު ނައްތާލުމުގައި އދ އަދާކުރަމުންދާ ދައުރު ފާހަގަކުރައްވާފައެވެ. އަދި މިހާރުވެސް ދުނިޔޭގެ އެކި ޤައުމުތަކުގައި ނިއުކްލިއަރ ހަތިޔާރު ހުރިކަން ފާހަގަކުރައްވައި، ނިއުކްލިއަރ ހަތިޔާރު މަނާކުރުމާ ބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ ތަންފީޒު ނުކޮށް ހުރި ޤައުމުތަކުން ވީއެންމެ އަވަހަކަށް އެ މުޢާހަދާގައި ބައިވެރިވުމަށް މިނިސްޓަރ ޝާހިދު ވަނީ ގޮވާލައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ ބޮޑެތި ގެއްލުން ދެނިވި ހަތިޔާރުތައް ނައްތާލުމަކީ ބައިނަލްއަޤްވާމީ ސުލްހައާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށާއި، 2030 އެޖެންޑާގެ 16 ވަނަ ލަނޑުދަނޑި ހާސިލްކުރުމަށް މުހިއްމުކަމެއްކަމަށެވެ. ރާއްޖެއަކީ މިހާރުވެސް އަދި ކުރިއަށް އޮތްތަނުގައިވެސް ހަތިޔާރު އުފައްދާނެ ޤައުމަށް ނޫންކަމަށް ވިދާޅުވެ މިނިސްޓަރވަނީ، ޓްރީޓީ އޮން ނަން-ޕްރޮލިފަރޭޝަން އޮފް ނިއުކްލިއަރ ވެޕަންސް މުއާހަދާގައި އެންމެ ފުރަތަމަ ސޮއިކުރި އެއް ޤައުމަކީ ދިވެހިރާއްޖެކަންވެސް ފާހަގަކުރައްވާފައެވެ.

ސަރަހައްދީ ސަލާމާއި ރައްކާތެރިކަމަށްޓަކައި ރާއްޖެއިން އަދާކުރަން ޖެހޭ ބައިނަލްއަޤްވާމީ ޒިންމާތައް ރާއްޖެއިން އަދާކުރަމުންދާކަން ފާހަގަކުރައްވަމުން، ރާއްޖެއިން އާރމްސް ޓްރޭޑް ޓްރީޓީ، ކްލަސްޓަރ މިއުނިޝަން ކޮންވެންޝަން އަދި ނިއުކްލިއަރ ޕްރޮހިބިޝަން ޓްރީޓީގައިވެސް ބައިވެރިވެފައިވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ދުނިޔެއިން ނިއުކްލިއަރ ހަތިޔާރު އެއްކޮށް ނައްތާލުމަށް ބާރުއެޅުމަށް ފާހަގަކުރާ ބައިނަލްއަޤްވާމީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. މިއަހަރުގެ ބައްދަލުވުމުގައި ދުނިޔޭގެ 100 އަށްވުރެ ގިނަ ޤައުމުތަކުން މަންދޫބުން ބައިވެރިވިއެވެ