ވިޔަފާރި

ރިސްކު ނަގައިގެން ނޫނީ ތަރައްޤީ ގެނެވޭކަށް ނެތް- ފައްޔާޟް


ރާއްޖެއަށް ގެންނަން ބޭނުންވާ އިޤްތިޞާދީ ތަރައްޤީ ގެނައުމަށްޓަކައި ގެއްލުމާ ކުރިމަތިލައިގެންވިޔަސް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީއާއި ހުވަދު އަތޮޅާ ދެމެދު ސީ ޕްލޭން ދަތުރުތައް ފެށުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޞް އިސްމާއިލް ވިދާޅުވީ އައްޑޫއާއި ހުވަދޫ ސީޕްލޭންއިން ގުޅާލުމަކީ ރާއްޖެއާއި ދެކުނުގެ ތަރައްޤީއަށް ކުރެވޭ ބޮޑު މަސައްކަތެއްކަމަށެވެ. އަދި ސީ ޕްލޭން ދަތުރުތައް ފަށާއިރު އައިލެންޑް އޭވިއޭޝަނަށް އޭގެއިން މާބޮޑު ފައިދާއެއް ނުވިޔަސް، ކުރިއަށް އޮތްތަނުގައި މުޅި ރާއްޖެއާއި ދެކުނުގެ އަތޮޅުތަކަށް އޭގެ ފައިދާކުރާނެކަމަށް ފައްޔާޟް ވިދާޅުވިއެވެ.

"އެ ބޭފުޅުން މިނެންގެވީ ވަރަށް ބޮޑު ރިސްކެއް. ހަމަޤާއިމުވެސް ކުރިއަށްއޮތް މަސްތަކުގައި އަދި އަހަރުތަކުގައިވެސް ފައިދާވާނެކަމުގެ މާބޮޑު ޔަޤީންކަމެއް ނެތް. އެހެންނަމަވެސް މި ރިސްކު ކޮންމެސް ބަޔަކު ނުނަގާ އަޅުގަނޑުމެންގެ ރާއްޖެއަށް ގެންނަން ބޭނުންވާ އިޤްތިޞާދީ ކުރިއެރުމާއި، ޚާއްސަކޮށް ދެކުނަށް ގެންނަން ބޭނުންވާ ތަރައްޤީއާއި ކުރިއެރުމެއް ލިބޭކަށް ނެތް. އެހެންވީމަ އައިލެންޑް އޭވިއެޝަންގެ ފަރާތުން މި ރިސްކު ނެންގެވީތީ ވަރަށް ބޮޑު ޝުކުރެއް އަދާކުރަން" ފައްޔާޟް ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޒް ދެއްކެވި ވާހަކަފުޅުގައި ސީ ޕްލޭން ދަތުރުތަކަކީ އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގެ ފަތުރުވެރިކަން ކުރިއެރުވުމަށް މުހިއްމު މަސައްކަތެއްކަން ފާހަގަކުރެއްވިއެވެ. އަދި ދެކުނުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ވަށާޖެހޭ މަސައްކަތްތަކެއް ކުރަމުންދާކަން މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ. އެގޮތުން އައްޑޫ ފުވައްމުލަކުން ރިސޯޓް ތަރައްޤީކުރުމަށާއި ގެސްޓް ހައުސް ތަރައްޤީކުރުމަށް ދޫކުރާ ބިމުގެ ކުލިވެސް ވަރަށް ބޮޑަށް ކުޑަކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ވަރަށް ފަހުން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި އެއޮތީ އައްޑޫއާއި ފުވައްމުލަކުގައި ޓުއަރިޒަމަށް ރިސޯޓް ތަރައްޤީކުރުމަށްޓަކައި ދައުލަތުން ދޭ ބިމުގެ ކުލީގެ ގޮތުގައި އޮތް އަކަ މީޓަރަކަށް 8 ޑޮލަރު ވަނީ އަކަ މީޓަރެއް 2 ޑޮލަރަށް ކުޑަކޮށްދީފައި. އަދި ގެސްޓް ހައުސް ހެދުމަށް ދައުލަތުން ދޭ ބިމުގެ ކުލީގެ ގޮތުގައި އޮތް 8 ޑޮލަރަށް އަކަ މީޓަރެއް އޮތް އޮތުން ވަނީ 1 ޑޮލަރަށް އަކަ މީޓަރަކަށް ހަދާފައި" ފައްޔާޟް ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރ ވިދާޅުވީ އައްޑޫ އާއި ފުވައްމުލަކުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތްތަކަކީ އިންވެސްޓަރުންނަށް ޔަޤީންކަން އިތުރުކޮށްދީ، މުޅި ރާއްޖެއަށް އޭގެ މަންފާއާއި ލާބަ ހޯދައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތަކެއްކަމަށެވެ.

"މިއީ އިންވެސްޓަރުންނަށް ޔަޤީންކަން ދިނުމަށް ކުރެވުނު މަސައްކަތްތަކެއް. ސީ ޕްލޭން އޮޕަރޭޝަން ފެށުމާ ގުޅިގެން އިންޓަނޭޝަނަލް އިތުރު ފްލައިޓްތައް އައުމުގެ ފުރުޞަތު ބޮޑުވެގެންދާނޭކަން އިންވެސްޓަރުންނަށް ފާހަގަކުރެވޭނެ. އެބޭފުޅުން މިތަނުގައި ޓުއަރިޒަމް ކުރިއެރުވުމަށް ކުރަންޖެހޭ އިންވެސްޓްމަންޓްތަކުގައި ސަރުކާރަށް ދައްކަންޖެހޭ ޚަރަދުތައް އެތައް ގުނައަކުން މިހިރީ ތިރިކޮށްފައި. މީގެ ބޭނުމަކީ ގިނަ ފަރާތްތަކަކުން ފަތުރުވެރިކަމުގައި އިންވެސްޓްކޮށްގެން މިތަނުގައި އެނދުތައް އިތުރުކުރުން. އެނދުތައް އިތުރުވާ ވަރަކަށް ފްލައިޓްތައް އިތުރުވާނެ. އޭގެ ސަބަބުން މުޅި ދެކުނަށްވެސް މުޅި ރާއްޖެއަށްވެސް އޭގެ އެތައް މަންފާތަކެއް ލިބިގެންދާނެ" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޞް ވިދާޅުވީ ސަރުކާރުން ރާއްޖެ ތަރައްޤީކުރުމުގެ މަސައްކަތް ކުރެވެމުންދަނީ ބޭނުންވާ ހަލުވިމިނުގައި ނޫންކަމަށެވެ. ނަމަވެސް ކޮންމެ ކަމެއްކުރުމަށްވެސް ލިބެންހުރި ވަޞީލަތްތައް ބޭނުންކޮށްގެން ތަރައްޤީގެ މަސައްކަތްތައް ވީހާވެސް ބާރަށް ކުރިއަށްގެންދިއުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކޯވިޑްގެ ސަބަބުން ތަރައްޤީގެ މަސައްކަތްތަކަށް ހުރަސް އެޅުނަސް، އެކަމުންވެސް ގިނަ ކަންތައްތަކެއް ދަސްވެ، އިސްކަންދޭވީ ކޮންކޮން ކަންތައްތަކެއްކަން ފާހަގަވެފައިވާކަމަށްވެސް އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކަންކަން ކުރަނީ ފޮޓޯއެއް ނަގާކަށް ނޫންކަން ސާބިތުކުރަން މިދަނީ.. އަޅުގަނޑުމެން ބޭނުންވަނީ އިންވެސްޓަރުންނާއި ވިޔަފާރިތަކަށް ޔަޤީންކަން ދެން، މި ފެށުނީކަން" ހުވަދޫއާއި އައްޑޫ ސީ ޕްލޭންއިން ގުޅާލުން ފާހަގަކުރައްވަމުން ފައްޔާޟް ވިދާޅުވިއެވެ.