ޢީދު ބަންދަކީ ގިނަ ޢަދަދަކަށް ކަނޑުމަގުން ޗުއްޓީ ދަތުރުތަކުގައި މީހުން އެއްރަށުން އަނެއް ރަށަށް ދަތުރުކުރާ ދުވަސްވަރަކަށްވާތީ، ދަތުރުކުރާ ހުރިހާ ފަރާތްތަކުންވެސް އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ފުރިހަމަވެފައިހުރި ބެއްލެވުމަށްފަހު ނޫނީ ދަތުރު ނުކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީން އިލްތިމާސް ކޮށްފިއެވެ.
މިކަމާއި ގުޅިގެން ޓްރާންސްޕޯޓް އޮތޯރިޓީއިންވަނީ ދަތުރުފަތުރު ކުރާ ފަތާތްތަކުން ހާއްސަ ސަމާލުކަމެއްދޭންވީ ކަންތައްތައް ފާހަގަކޮށް އިޢުލާނެއްވެސް ނެރެފައެވެ.
އެގޮތުން މީހުން އުފުލުމަށް ޚާއްސަ ކޮށްފައިވާ އުޅަނދުފަހަރުގައި ފަސިންޖަރުންގެ ލަގެޖު ފިޔަވައި އެއްވެސް މުދަލެއް އުފުލުމަކީ މަނާކަމެއް ކަމަށާއި 4 ގަޑިއިރަށް ވުރެ ދިގު ދަތުރެއް ކުރާނަމަ ފަސިންޖަރުން އިށީނދެ އިނުމަށް އެކަށޭނަ ފެންވަރުގެ ގޮނޑިއެއް އުޅަނދުގައި ހަރުކޮށްފައި ހުންނަން ވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކުރެއެވެ.
މީގެ އިތުރުން ކަނޑު ދަތުރުކުރާ އުޅަނދުގެ ސަލާމަތީ ކަންކަން ހުރީ ގަވާއިދާއި އެއްގޮތަށް ފުރިހަމަ ކުރެވިފައިވޭތޯ ކޯސްޓްގާޑާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ބަލަމުންދާނެ ކަމަށާއި، ސަލާމަތީ މިންގަނޑުތަކާއި ޚިލާފަށް ދަތުރުކުރާ އުޅަނދުތައް ހުއްޓުވައި އެފަދަ ފަރާތްތަކާއިމެދު ޤާނޫނީ ފިޔަވަޅު އަޅަމުންދާނެ ކަމަށްވެސް ޓްރާންސްޕޯޓް އޮތޯރިޓީން ހާމަކުރެއެވެ.