ޚަބަރު

ޕެރޯލްގެ ދަށުން ދޫކުރާ ޤައިދީންނަށް ސްޓެލްކޯއިން ވަޒީފާދޭން ނިންމައިފި


އެކި ކުށްތަކުގައި ހުކުމް ތަންފީޒުކުރާ މީހުންގެ ތެރެއިން ޕެރޯލްގެ ދަށުން ދޫކުރާ ޤައިދީންނަށް ސްޓެލްކޯއިން ވަޒީފާދޭން ނިންމައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބސްވުމަކީ ސަރުކާރުން އިޖުތިމާއީ ދުޅަހެޔޮކަމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަށް ފުރިހަމަ އެއްބާރުލުން ދިނުމުގެ މަގުސަދުގައި ސްޓެލްކޯއިން ވެފައިވާ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއެވެ. އަދި ހޯމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއެވެ. މިއެއްބަސްވުމުގައި ކަރެކްޝަނަލް ސާވިސާސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕްރިޒަންސް އަޙްމަދު މުހައްމަދުފުޅެވެ.

އެއްބަސްވުމުގައި ސޮއެ ކުރެއްވުމަށްފަހު މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ، ސްޓެލްކޯއަކީ މަސައްކަތްތެރި ޒުވާނުންތަކެއްގެ ހިދުމަތް ގައުމަށް ފޯރުކޮށްދީ ގައުމުގެ މުހިންމު ޒިންމާއެއް އަދާކުރާ ކުންފުންޏެއް ކަމަށެވެ. އަދި ސްޓެލްކޯގެ ހިދުމަތުގެ އެންމެ މުހިންމު އަސާސަކީ މަސައްކަތުގެ އަޚުލާގު ކަމަށެވެ.

"ދައުލަތުގެ ޕެރޯލް ނިޒާމުގެ ތެރެއިން ދޫކުރެވޭ ފަރާތްތަކަށް އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑާއި އެކަމުގައިވާ އުސޫލުތަކުގައި ވާގޮތުން އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމާއި އަނބުރާ މުޖުތަމައުއަށް އައުމަށް އޮތް ފުރުސަތުތަކާ ގުޅޭ ހިސާބަކީ ދައުލަތުގެ އެންމެހާ މުއައްސަސާތައްކަމަށް އަޅުގަނޑުމެން ދެކެން. އަނބުރާ މުޖުތަމައުއަށް އައުމަށް ގަވައިދުގެ ތެރެއިން ދެވެން ހުރި ފުރުސަތާއި އެއްބާރުލުން ދިނުމަކީ ހުރިހާ ދާއިރާތަކަކުންވެސް ކޮށްދޭންޖެހޭ ކަންތައްތަކެއް ކަން އަޅުގަނޑުމެން ދެކެން." މުޣުނީ ވިދާޅުވިއެވެ.

މި އެއްބަސްވުމަކީ އެއް އަހަރުގެ މުއްދަތައް ސޮއިކޮށްފައިވާ އެއްބަސްވުމެކެވެ. އެހެން ނަމަވެސް، ކުރިޔަށް އޮތް ތަނުގައި މި ޕްރޮގްރާމްގެ ނަތީއްޖާއަށް ބަލައި، އެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރެވޭފަދަގޮތަށް ކަންކަން އިންތިޒާމުކުރައްވާނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. އަދި ޕެރޯލްގެ ފުރުސަތު ލިބި ސްޓެލްކޯއިން ވަޒީފާ ހަމަޖެހޭ ފަރާތްތަކަށް އެ އޮންނަ އުސޫލުގެ ދަށުން ކަރެކްޝަންސްގެ ބެލުމުގެ ދަށުން ސްޓެލްކޯއިން ހިދުމަތްދޭ 35 ރަށުގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށްވެސް އެ ކުންފުނިން ވިދާޅުވެއެވެ.