ޚަބަރު

އައްޑޫ ސިޓީން ހުވަދުއަށް ސީޕްލޭން ދަތުރު: އުއްމީދުން ފުރިފައިވާ ހިތްޤާއިމު ދަތުރެއް


އިޤްތިޞާދީ ހަބެއްގެ ގޮތުގައި އައްޑޫ ސިޓީ ތަރައްޤީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުފުޅެކެވެ. މި ވަޢުދުފުޅުގެ ދަށުން ސަރަހައްދުގައި ވިޔަފާރިތަައް ފުޅާކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ގެނައުމުގެ ޕްލޭންތައް ވަނީ ތައްޔާރުކޮށްފައެވެ. މި މަސައްކަތުގެ ދަށުން އެންމެ ބޮޑު މަޝްރޫޢަކަށް ފަށާފައިވަނީ، ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި ހުވަދު އަތޮޅާ ދެމެދު ސީޕްލޭން ދަތުރުތައް ފެށުމުގެ މަސައްކަތެވެ.

ކުރީ ސަރުކާރުންވެސް މިމަސައްކަތް ފެށިއެވެ. އެގޮތުން 2016 ވަނަ އަހަރު ޓީއެމްއޭއާ ގުޅިގެން ސީ ޕްލޭން ފެށުމަށް އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. އޭރު އޮޕަރޭޝަން ފަށާފައިވަނީ ހުވަދު އަތޮޅުގެ ރިސޯޓުތަކަށް 15 މީހުންގެ ޖާގައިގެ މަތިންދާބޯޓަކާއެކުއެވެ. ނަމަވެސް ސީޕްލޭން ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ނުގެންދެވި ވަނީ ހުއްޓިފައެވެ.

ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން އެމަސައްކަތް އަލުން ފަށާފައިވާއިރު، ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި ހުވަދު އަތޮޅާ ދެމެދު ސީޕްލޭން ދަތުރުތައް ފެށުމަށް އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑާއި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ކޮމްޕެނީއާ ދެމެދު އެއްބަސްވުމުގައި މިމަހުގެ 3 ވަނަ ދުވަހު ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާޢީލާއި މިނިސްޓަރ އޮފް ޓުއަރިޒަމް ޑރ. ޢަބްދުﷲ މައުސޫމާއި އައްޑޫ ސިޓީއާއި ހުވަދު އަތޮޅުގެ ބައެއް ދާއިރާތައް ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވަނީ ސީ ޕްލޭންގައި އައްޑޫއިން ގދ. ތިނަދޫއަށް ސީޕްލޭންގައި ދަތުރުފުޅުކުރައްވާފައެވެ.

މި ދަތުރުގައި ބައިވެރިވުމުގެ ފުރުސަތު އަޅުގަނޑަށްވެސް ލިބުނު އިރު، ރާއްޖޭގެ ދެކުނުގެ އަތޮޅުގެ ރަށްރަށުގެ މަތިން ދަތުރުކޮއްލުން ވެގެންދިޔައީ ބަޔާންކޮށްދޭން ނޭނގޭ އުފާވެރިކަމެއް ލިބުނުކަމަކަށެވެ. އާދައިގެ މަތިން ދާ ބޯޓަކުން ދަތުރުކުރާވަރަށްވުރެ ތިރިން ސީޕްލޭން ދަތުރުކޮށްފައި ދިޔައިރު، ފުވައްމުލަކާއި ހުވަދޫއަތޮޅުގެ ރައްތަކުގެ ގުދުރަތީ ރީތިކަން ފެނިގެންދިޔައެވެ. އެގޮތުން ބަންޑާރަ ކިޅި އާއި ދަޑިމަގި ކިޅި އަދި ފުވައްމުލަކު ތުނޑިގެ ޤުދުރަތީ ރީތި މަންޒަރުތައް ފެނިގެންދިޔައެވެ. އަދި ފަރެސްމާތޮޑާގައި މިހާރު ތަރައްޤީކުރަމުންދާ އެއަރޕޯޓްގެ މަންޒަރުތައް ފެނުމަކީ މި ދަތުރު އިތުރަށް ފުރިހަމަކޮށްދިންކަމެކެވެ.

ދަތުރު ނިންމާލުމަށްފަހު ސީޕްލޭން ތިނަދޫ ބަނދަރަށް ޖެއްސުމުން ރަށު ރައްޔިތުންގެ މޫނުމަތިންވެސް ފެނިގެން ދިޔައީ އުފާވެރިކަމެވެ. ގިނަ ދުވަސްތަކެއްގެ އިންތިޒާރު ނިމުމަކަށް އަންނާނެކަމުގެ އުފާވެރިކަން މި ރައްޔިތުންގެ މޫނުމަތިން ފެނިގެން ގޮސްފައިވެއެވެ.

ގިނަ ދުވަސްތަކަކަށްފަހު އައްޑޫ ސިޓީން ތިނަދޫއަށް ކުރި ފުރަތަމަ ދަތުރަށްފަހު ދަތުރުގައި ބައިވެރިވި އައްޑޫ ސިޓީއާއި ހުވަދު އަތޮޅުގެ މަޖިލިސް މެންބަރުން ވަނީ ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވާފައެވެ. މި މެމްބަރުން ވަނީ އައްޑޫއިން ހުވަދޫއަށް ފަށާ މި ދަތުރަކީ ދެކުނުގެ އަތޮޅުތަކުގައި މަޑުޖެހިފައިވާ ފަތުރުވެރިކަން އަލުން ފެށުމަށް ލިބޭ ބާރެއްކަމަށް ވިދާޅުވެފައެވެ. އަދި މި ދަތުރުތަކުގެ ސަބަބުން ރަށްރަށުގައި ލޯކަލް ޓުއަރިޒަމް ފުޅާވުމަށް ފުރުސަތު ފަހިވެ، ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ހަޤީޤަތުގައިވެސް އިންޓަނޭޝަނަލް ކުރުމުގެ މަސައްކަތްވެސް ހަލުވިކަމެއް ލިބޭނެކަން މެމްބަރުން ފާހަގަކުރިއެވެ.

ކޯވިޑްގެ މި ހާލަތުގައިވެސް އައްޑޫއާއި ހުވަދޫ ސީޕްލޭންއިން ގުޅާލުމުގެ މަސައްކަތް ފެށުމަކީ، ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދު ފުއްދުމަށް އަތުކުރިއޮޅާލާފައިވާ މިންވަރު ހާމަވާކަމެކެވެ. އަދި ޤައުމީ އެއަރލައިންނާއެކު ސީޕްލޭންގެ ޚިދުމަތް އައްޑޫއާއި ހުވަދޫއަށް ފެށުމަކީ އެސަރަޙައްދުގެ އިތުރުން، މުޅި ރާއްޖެއަށްވެސް އޭގެ މަންފާއާއި ލާބަ އެތައް ގޮތަކުން ލިބޭނެ މަސައްކަތްތަކެވެ.