ކޯވިޑް-19ގެ މިދަނޑިވަޅުގައިވެސް ރާޢްޖޭގައި ތަރައްޤީއަށްޓަކައު އުމުރާނީ ތަރައްޤީގެ މަޝްރޫޢުތައް އަންނަނީ ހިންގަމުންނެވެ. މީގެ ތެރޭގައި ބަނދަރު ހެދުމުގެ މަޝްރޫއުތަކާއި މަގު ހެދުމުގެ ބޮޑެތި މަޝްރޫޢުތަކާއި ސްކޫލުތަކާއި ހޮސްޕިޓަލްތައް އެޅުމުގެ މަސައްކަތާއި މިނޫންވެސް ގިނަ މަޝްރޫއުތަކެއް ހިމެނެއެވެ. މިގޮތުން ކުދި ބޮޑު ހުރިހާ ރަށެއްގައިވެސް މިހާރު އަންނަނީ މިފަދަ ބޮޑެތި މަޝްރޫޢުތައް ހިންގަމުންނެވެ. ޚާއްސަކޮށް ރަށްތަކުގެ ރައްޔިތުންނަށް މަގުތަކުގައި ފަސޭހައިން ހިނގާ ބިނގާވެ އުޅުމަށާއި ވެހިކަލްތައް ދުއްވުމަށްޓަކައި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މިގޮތުން ފާހަގަކޮށްލެވޭ އެއް ރަށަކީ ރާއްޖޭގެ ދެކުނުން އޮންނަ ފުވައްމުލައް ސިޓީއެވެ.
ރާއްޖޭގެ އެހެންރައްތަކޭ އެއްފަދައިން ފުވައްމުލަކުގެ މަގުތަކަކީވެސް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވުމާއި ކިސަޑުހެދުމުގެ ސަބަބުން ރައްޔިތުންނަށް އެތައް ތަކުލީފުތަކެއް އުފުލަން ޖެހިފައިވާރަށެކެވެ. އަދި ރަށުގެ ބޭރު މަގު ނުވަތަ ރިންގްރޯޑް ރަނގަޅުފެންވަރަކަށް ހަދާފައި ނުވުމުގެ ސަބަބުންވެސް ނުރަކާތެރި އެތައް އެކްސިޑެންޓްތަކެއް ހިނގައި އެތައް ގެއްލުންތަކެއް ވެފައި އެބަހުއްޓެވެ. އެހެންނަމަވެސް އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ މި މައްސަލައަށް ހައްލެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 17 ވަނަ ދުވަހު ރިންގްރޯޑް ހެދުމުގެ މަޝްރޫ ފަށާފައެވެ.
އަދި އެ މަސައްކަތުގެ ދަށުން އަވަށުގެ އެތެރޭގެ 31 މަގެއް ހެދުމުގެ މަސައްކަތްވެސް މިއހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހު ވަނީ ފަށާފައެވެ. މި މަސައްކަތުގެ ދަށުން މިހާތަނަށް ވަނީ ރިންގްރޯޑްގެ 86 އިންސަތަ އަދި އެތެރޭގެ މަގުތައް ހެދުމުގެ 9 އިންސައްތަ މަސައްކަތް ނިންމާފައެވެ. މި މަސައްކަތް ކުރާ އެމްޓީސީސީން އަމާޒު ހިފާފައި ވަނީ އަންނަ މަހުގެ ނިޔަލަށް ރިންގް ރޯޑްގެ މަސައްކަތްތައް މުޅިން ނިންމާލުމަށެވެ.
ފުވައްމުލަކުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސް އާއި ވާހަކަދައްކަވަމުން ޑެޕިއުޓީ މޭޔަރ މުހައްމަދު ޟިރާރް ވިދާޅުވީ ޒަމާނި ފެންވަރަށް އެރަށުގެ މަގުތައް ހަދައި ނިމުމުގެ ސަބަބުން ދުއްވާ މީހުންނަށް ފަސޭހަވެގެން ދާނެކަމަށެވެ. އޭނާ ވިދާޅުވީ ރަށުގެ އެތެރޭގެ މަގުތައް ހެދުމަށް ހަމަޖެހިފައި ވާއިރު ވެލި މަގުތައް ބެލެހެއްޓުމަކީ އުނދަގޫކަމެއްކަމަށާއި ވަރަށް ބޮޑު ހޭދައެއްވެސް އެކަމަށް ކުރަންޖެހޭކަމަށެވެ. ފުވައްމުލަކަކީ އެހެންރައްތަކާއި ވަކިން އޮންނަ ރަށަކަށް ވުމާއެކު މަގު ހެދުމަށްޓަކައި ވެލި ހޯދުމަކީވެސް އުނދަގޫކަމެއް ކަމުގައި ޟިރާރު ވިދާޅުވިއެވެ. މީގެ އިތުރުން ޟިރާރް ވިދާޅުވީ މިހާތަނަށް އައިރުވެސް އެރަށުގެ ފެނާ ނަރުދަމާގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިފައި ނުވާތި މަގުތައް ހަދާ ނިމޭއިރު އެކަމަށް ވެސް ހައްލެއް ލިބެނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.
"ވާރޭވެހިއްޖެނަމަ އެތެރޭގެ މަގުތަކުގައި ފެންބޮޑުވެ ފެން ނުހިނދި އެތައް ދުވަހެއް ހޭދަވޭ. ފެން ހިނދުމަށްފަހު ބޮޑެތި އަޑިގަޑުތައް ހުރުމުގެ ސަބަބަބުން އެކިކަލަހަ ގެއްލުންތައްވޭ. މަގުތަކުގެ މަސައްކަތްތައް ނިމުމުން މިހާރު ދިމާވާ ދަތިތަކަށް ހައްލު ލިބިގެންދާނެކަމަށް އުއްމީދުކުރަން. "ޑޕިއުޓީ މޭޔަރ މުހައްމަދު ޟިރާރް ވިދާޅުވިއެވެ.
ފުވައްމުލައް ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން ފުވައްމުލަކު ނައިބުތުއްތު ހިނގުމުގެ 20،650 އަކަމީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅައި، 144 ލެޑް މަގުބައްތި ހަރުކުރުމާއި، ސްޕީޑް ބްރޭކަރު ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމެއްވެސް މި މަޝްރޫޢުގެ ދަށުން އިންސްޓޯލްކުރެވިގެންދާނެއެވެ.
އަދި އެ ސިޓީގެ 31 މަގުގެ 15931 މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގެދަށުން 122،659 އަކަމީޓަރުގެ ސަބް ބޭސް ހެދުމާއި، 95،239 އަކަމީޓަރުގެ ތާރު އަޅާނެއެވެ. އަދި ދުވާރު ސަރަޙައްދު ހެދުމާއި، މަގުބައްތި ހަރުކުރުމާއި ފެން ހިންދާ ނިޒާމުގެ މަސައްކަތް ކުރުމަށްވެސް ހިމަނާފައި ވެއެވެ.
ފުވައްމުލައް ސިޓީގެ މަގު ހެދުމުގެ މަޝްރޫއަށް ދަޢުލަތުގެ ބަޖެޓުން ޖުމުލަ ފަސްދޮޅަސް މިލިޔަން ހަސަތޭކަ ފަސްދޮޅަސް އެއް ހާސް ނުވަސަތޭކަ ދެ ރުފިޔާ ޚަރަދުވެއެވެ.
ފުވައްމުލައް ސިޓީއަކީ ނުވަހާހަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ސިޓީއެކެވެ. މަގުތަށް ޒަމާނީ ފެންވަރަކަށް ހަދައި ބޭނުން ކުރަން ފެށުމުން މިހާރު މަގުތަކަށް ދިމާވެފައިވާ މައްސަލަތައްކަށް ހައްލެއް އައިސް ރައްޔިތުން މިހާރު އުފުަލަންޖެހޭ ތަކުލީފުތަކަށް ނިމުމެއް އަންނާނެއެވެ.