ނޫސްވެރިކަމުގެ މިނިވަންކަން ލިބިފައި އޮތްނަމަވެސް ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދިނުމުގައި މީހުންގެ އަބުރު ކަތިނުލުމަށް ޕްރޮސެކިއުޓަރ ޖެނަރަލް ޙުސައިން ޝަމީމް އިލްތިމާސްކުރައްވައިފިއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުން ކުރިއަށް ގެންދިޔަ ނޫށްވެރިކަމުގެ އަސާސީ ޕްރޮގްރާމް 2020 ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕްރޮސެކިއުޓަރ ޖެނަރަލް ޙުސައިން ޝަމީމް ވަނީ ޚަބާރައި މަޢޫލޫމާތު ފޯރުކޮށްދިނުމުގައި އަބުރާ ގުޅުން ހުރި ކަންކަމުގައި މިހާރަށް ވުރެ ބޮޑަށް ނޫސްވެރިން ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ.
ޕީޖީ ޝަމީމް ވަނީ ޤާނޫނު އަސާސީގައި ނޫސްވެރިކަމުގެ މިނިވަންކަމަކީ އަސާސީ ޙައްގެއްގެ ގޮތުގައި ބަޔާންކޮށްފައިވާއިރު، ނޫސްވެރިކަމަކީ ވަރަށް ގިނަ ބާރުތަކެއް ލިބޭ މަސައްކަތެއްކަން ފާހަގަކުރައްވާފައެވެ. އަދި މި ބާރުތައް ޒިންމާދާރުކަމާއެކު ބޭނުން ކުރުމަށްވެސް ޕީޖީ އިލްތިމާސް ކުރެއްވިއެވެ. ޤާނޫނުއަސާސީން ނޫސްވެރިކަމުގެ މިނިވަންކަން ލިބިދީފައިވާ ފަދައިން ކޮންމެ ރައްޔިތަކަށް އެމީހެއްގެ އަބުރު ރައްކާތެރިކުރުމުގެ ހައްޤު ވެސް ލިބިގެންވާކަން ޕީޖީ ފާހަގަކުރެއްވިއެވެ.
"ނޫސްވެރިކަމުގެ މިނިވަންކަމޭ ކިޔާފައި މީހުންގެ އަބުރު ކަތިލާ، މީހުންނާ މެދު ނުބައި ތަސައްވުރެއް އުފެދޭ ގޮތަށް ވާހަކަ ދެއްކުމަކީ އެއީ އަޅުގަނޑު ދެކޭ ގޮތުގައި އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން. ޒިންމާދާރު ކަމަކަށް ވެސް ނުވާނެ." ޕީޖީ ޝަމީމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށައަޅަން ނިންމާފައިވާ އަބުރުގެ ބިލާ ބެހޭގޮތުން މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީޖީ ވިދާޅުވީ އެ ބިލާމެދު ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަނީ ކުރިން ނޫސްވެރިންނާ މެދު ކަންތަންވެފައިވާ ގޮތުގެ ސަބަބުން ކަމަށެވެ. އަދި ކޮންމެ މީހަކަށް ވެސް އަބުރު ރައްކާތެރިކުރުމުގެ ޙައްޤު ގާނޫނުއަސާސީން ލިބިދީފައިވާކަމަށާ ދަޢުލަތުގެ ތެރޭގައި އެކަން ތަންޒީމުކުރެވިފައި އޮންނަން ޖެހޭނެކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.
"ކުރީގައި އެއީ ޖިނާއީ ކުށެއްގެ ގޮތުގައި އޮތް ނަމަވެސް އަބުރުގެ މައްސަލަތަކުގައި ޖިނާއި އަދުލުގެ ނިޒާމު ބޭނުންކުރުމުން ލިބޭ ގެއްލުން ބޮޑު .އެހެންވެ އެއީ މަދަނީ ގޮތުން ކޮންޓްރޯލްކޮށް ތަންޒީމުކުރަންޖެހޭ ކަމެއް ގޮތަށް މިހާރު ގަބޫލުކުރެވޭ." ޕީޖީ ހުސައިން ޝަމީމް ވިދާޅުވިއެވެ.
ޕީޖީ ވަނީ މިހާރަކަށް އައިސް ހަގީގަތާ ޚިލާފު އަދި ބައެއް ފަހަރު ޤާނޫނާވެސް ޚިލާފު ވާހަކަތައް ކަމުގެ ހަޤީގަތް އެނގޭ އިރުވެސް ބައެއް ފަރާތްތަކުން ފަތުރަމުން ގެންދާކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.