ޚަބަރު

ސިއްޙަތަށް ފައިދާހުރި ކާނާ ހެއްދުުން އިތުރުކުރުމުގެ ޕްރޮގްރާމް ހއ.އަތޮޅުގައި ފަށައިފި


ޒަމާނުއްސުރެ ރާއްޖޭގައި ހައްދާ ސިއްޙަތަށް ފައިދާ ހުރިކާނާގެ ބާވްތައް ހެއްދުން އިތުރުކުރުމުގެ ޕްރޮގްރާމް ހއ.އަތޮޅުގައި ފަށައިިއެވެ.

މި ޕްރޮގްރާމަކީ މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ދަނޑުވެރިކަމުގެ ސިނާއަތުގައި ކާބޯތަކެތީގެ ޔަޤީންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތައް ބޮޑު އިންސައްތައަކުން އިތުރުކުރުމަށް ޚާއްޞަ ސިޔާސަތެއް ކަނޑައަޅާފައިވާ ކަމެކެވެ. އެގޮތުން ރަށްރަށުގައި އުފައްދާ ތަކެތި އިތުރުކުރުމަށް، ޒަމާނުއްސުރެ ރާއްޖޭގައި ހައްދާ ޞިއްޙަތަށް ފައިދާހުރި މޭވާއާއި ތަރުކާރީގެ ބާވަތްތައް ފާހަގަކޮށް އެތަކެތި ހެއްދުމަށް ބާރުއެޅުމުގެ ގޮތުން މީހުން ދިރިއުޅޭ ރަށްރަށުގެ ގޭބިސީތަކުގަޔާއި، ރަށުގެ ހުސްބިންތަކުގައި މި ފަދަ ބާވަތްތައް އިންދުމަށް ހަމަޖެހިފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.

މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހެދޭ އަދި ޒަމާނުންސުރެ ކެއުމަށް ބޭނުންކުރާ ފަލަމަޑި، މޭވާ އަދި ތަރުކާރީގެ ބާވަތްތައް ހެއްދުމަށް ހިތްވަރުދީ އެބާވަތްތައް އުފައްދާ މިންވަރު އިތުރުކުރުން ހިމެނެއެވެ. އެގޮތުން ގޭބިސީތަކުގަޔާއި، އެކިއެކި މުއައްސަސާތަކުގެ ހުސްބިމުގަޔާއި، ކޮމިއުނިޓީ ހުސްބިންތަކުގައި އިންދުމަށް ބަނބުކެޔޮ، މުރަނގަ، ދޮންކެޔޮ އަދި ޖަނބުރޯލު ހިމެނޭގޮތަށް ޖުމްލަ 2000 އަށްވުރެއް ގިނަ ގަސް މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި ގުޅުވައިގެން ހަދިޔާކުރުމުގެ ހަރަކާތް ތިލަދުންމަތީ އުތުރުބުރީ އުލިގަން އަދި ވަށަފަރުގައި މިއަދުވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ޕްރޮގްރާމްގެ ދަށުން އުލިގަމާއި ވަށަފަރަށް ގަސް ހަދިޔަކޮށްފައިވާއިރު ހއ. މޮޅަދޫއަށްވެސް ގަސްތައް ހަދިޔާކުރުމަށް ވަނީ ހަމަޖެހިފައެވެ.
ފިޝަރީސް މިނިސްޓްރީން ވިދާޅުވީ ހަދިޔާކުރި ގަސްތައް އުފައްދާފައިވަނީ އުތުރުގައި ދަނޑުވެރިކަމުގެ ދިރާސާއާއި، ތަމްރީންދިނުމަށް ޤާއިމުކޮށްފައިވާ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައިކަމަށެވެ.