ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުން ލިވަޕޫލްގެ ޑިފެންޑަރ ވާޖިލް ވެން ޑައިކް ގިނަ ދުވަސްތަކަކަށް ކުޅުމާއި ދުރަށްދާން ޖެހިއްޖެއެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަން ލިވަޕޫލްގެ މުހިންމު ޑިފެންޑަރަށް އަނިޔާވީ އެންމެ ފަހުން އެޓީމް ލީގުގައި ކުޅުނު މެޗުގައެވެ. އެވަޓަންއާއި ވާދަކޮށް 2-2 އެއްވަރުވި މެޗުގައި އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފޯޑް ބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭގައި ވެން ޑައިކަށް އަނިޔާވެފަ ފަރުވާދޭން ޖެހިފައެވެ.
މެޗަށްފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ވެން ޑައިކްގެ އަނިޔާ ސީރިއަސް ކަމަށާއި ކަކުލަށް ތަދުވާތީ އެ ވާހަކަ ވެންޑައިކް އޭނާގެ ގާތުގައި ބުނެފައިވާކަމަށެވެ.
29 އަހަރުގެ ވެން ޑައިކްގެ އަނިޔާގެ ސީރިއަސްކަން ބެލުމަށް މި ހަފްތާގައި ސްކޭންތަކެއް ހަދާނެއެވެ. އިނގިރޭސި މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން ގިނަ ދުވަސްތަކަކަށް ވެން ޑައިކް ކުޅުމާއި ދުރުގައި ހުންނަން ޖެހުން ގާތެއެވެ. ބައެއް ރިޕޯޓްތަކުގައި ވާ ގޮތުން ވެންޑައިކަށް ދެން ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނީ މި ސީޒަންގެ ފަހުކޮޅު ނުވަތަ އަންނަ ސީޒަންގެ ކުރީކޮޅެއެވެ.
ވެން ޑައިކްގެ އިތުރުން މިޑްފިލްޑަރ ތިއާގޯ އަލްކަންޓާރާ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެކަމަށް ބެލެވެއެވެ. އޭނާގެ ފަޔަށް ލިބިފައިވާ އަނިޔާއާއި ގުޅޭ އިތުރު ޓެސްޓްތައް އަންގާރަ ދުވަހު ހެދުމަށް ލިވަޕޫލުންވަނީ ނިންމާފައެވެ.