ވިޔަފާރި

އުލިގަމު ސިޓީހޮޓަލާއި ޔޮޓު މެރީނާ މަޝްރޫއުގެ މައުލޫމާތުދިނުމަށް ބައްދަލުވުމެއް ބާއްވަނީ


ހއ. އުލިގަމުގައި ޤާއިމްކުރާ ސިޓީހޮޓަލާ ޔޮޓު މެރީނާ މަޝްރޫއުގެ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުން މިމަހުގެ 22 ވަނަ ދުވަހު އޮންނާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ހއ. އުލިގަމުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ 36 ހެކްޓަރުގެ ބިމުގައި ޓޫރިސްޓް ހޮޓަލެއް ޔޮޓް ބަނދަރަކާއެކު ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ. ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، މި މަޝްރޫޢުގެ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 22 އޮކްޓޫބަރު ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ވަރޗުއަލްކޮށް ޒޫމް މެދުވެރިކޮށްކަމަށެވެ.

މި މަޝްރޫއަށް ޝައުގުވެރިވާ ރާއްޖޭގެ އަދި ބޭރު ޤައުމުތަކުގެ އިންވެސްޓަރުންނަށްވެސް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި މަޝްރޫޢާ ގުޅޭ ބިޑު ޑޮކިއުމެންޓް ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެއެވެ. އަދި މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން ބިޑު ޑޮކިއުމަންޓު ގަންނަން ލިބޭނެ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.

މީގެކުރިން ޓޫރިޒަމް މިނިސްޓްރީން ވަނީ އުލިގަމު ކައުންސިލާއިއެކު މި މަޝްރޫއުގެ މައުލޫމާތު ހިއްސާކުރުމަށް އޮންލައިން ބައްދަލުވުމެއްވެސް ބާއްވާފައެވެ. އުލިގަމު ސިޓީ ހޮޓާ އަދި ޔޮޓް މެރީނާ މަޝްރޫޢުއަކީ އެރަށުގެ ރައްޔިތުންގެ 12 އަހަރުގެ އުންމީދެއް ކަމަށްވެސް ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

އުލިގަމު ކައުންސިލުން ވަނީ އެރަށުގެ ބަނދަރަށް އަންނަ ޔޮޓު ފަހަރުގެ ޢަދަދު އިތުރު ކުރުމަށް ޔޮޓު އޮޕަރޭޓު ކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ އިސް ފަރާތްތަކާއެކު މަޝްވަރާކޮށް ޙައްލު ތަކެއް ހޯދާފައެވެ. މީގެ އިތުރުން އުލިގަމު ކައުންސިލުން ވަނީ، އެރަށަށް އަންނަ ޔޮޓް ފަހަރުން ނަގަމުން ދިޔަ ފީތައް ބޮޑުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ ސަމާލުކަމަށް އެކަން ގެނެސްފައެވެ. އަދި އެއަށްފަހު މިފަދަ އުޅަނދުފަހަރުން ނަގާ ފީތަކުން 75 އިންސައްތަ ވަނީ ކުޑަކޮށްފައެވެ.

ކޯވިޑް19 އަށްފަހު ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލިފަހުން، ފުރަތަމަ ފަހަރަށް ބޭރުގެ ޔޮޓެއް ބަނދަރުކޮށްފައިވަނީވެސް ހއ. އުލިގަމަށެވެ. އެއީ މިމަހުގެ 6 ވަނަ ދުވަހުއެވެ. މިއީ ޗައިނާގެ ޔޮޓެކެވެ.