ކުޅިވަރު

އަންހެން ރެފްރީގެ ގަޔަށް އަތްލުމުން އަގުއެރޯއަށް ފާޑުކިޔުން އަމާޒުވެއްޖެ


މެންޗެސްޓަރ ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ އާސެނަލްއާއި ދެކޮޅަށް ކުޅުނު މެޗުގައި ހުރި ލައިންސްވުމަންގެ ގަޔަށް އަތްލި މައްސަލަ ހޫނުވެއްޖެއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ސިޓީ އާއި އާސެނަލް ބައްދަލުކުރި މެޗުގައި ރެފްރީގެ އެހީތެރިއެއްގެ ގޮތުގައި އަރިމަތީ ރޮނގު ބެލެހެއްޓީ އަންހެން ރެފްރީއެކެވެ. މި ލައިންސްވުމަންގެ ގައިގައި ސާޖިއޯ އަގުއޭރޯ އަތްލުމުން އޭނާއަށް ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. އަގުއޭރޯވަނީ މެޗަށްފަހު އޭނާއަށް ކުރެވުނު ކަންތަކަށް މައާފަށް އެދިފައެވެ. ނަމަވެސް ފުޓުބޯޅައިގެ ގިނަ ތަޖުރިބާކާރުން ދެކޭ ގޮތުގައި މިއީ އަގުއެރޯއަށް އަދަބު ލިބެންޖެހޭ ވަރުގެ ކަމެކެވެ. އެއީ އެއްވެސް ހާލެއްގައި ރެފްރީއެއް ގައިގަ އަތްލުމަކީ ފުޓުބޯޅަ ޤަވާއިދު ބުނާގޮތުން އަދަބު ލިބޭކަމަކަށްވާތީއެވެ.

މި މައްސަލައިގައި އަގުއެރޯއަށް ފާޑުކިޔުންތައް އަމާޒުވެފައިވާއިރު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ އޭނާގެ ދިފާއުގައި ނިކުމެފައެވެ. ގާޑިއޯލާ ބުނީ އޭނާގެ ކެރިއަރުގައި ދިމާވި އެންމެ ޑިސިޕްލިން ރަނގަޅު އެއް ކުޅުންތެރިޔަކީ އަގުއޭރޯކަމަށެވެ. އަދި މިކަން ބޮޑު ކަމަކަށް ހަދައިގެން އުޅެނީ މެންޗެސްޓަރ ސިޓީގެ ހަތުރުންކަމަށް ގާޑިއޯލާ ވަނީ ބުނެފައެވެ.

އާސެނަލްއާއި ސިޓީ ވާދަކުރި މެޗުގައި ހުރި ލައިންސުމަންއަކީ މާސޭ އެލިސްއެވެ. އޭނާއަކީ 2011 ވަނަ އަހަރުން ފެށިގެން ޕްރިމިއަރ ލީގުގައި މަސައްކަތްކުރަމުން އަންނަ ރެފްރީއެކެވެ.