މުޅިރާއްޖެއަށް ބަލާއިރު އެވްރެޖްކޮށް އާބާދީގެ ނިސްބަތުން ދުވާލަކު މީހަކަށް ލިބޭ ޢާމްދަނީއަކީ 182 ރުފިޔާކަމަށް ގޭބިސީގެ ޢާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭއަކުން ދައްކައިފިއެވެ.
މި ސަރވޭއަކީ ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްއިން 2019ވަނަ އަހަރު ކުރިއަށްގެންދިޔަ ސަރވޭއެކެވެ. މިދިރާސާއިން ދައްކާގޮތުން މަހެއްގެ މައްޗަށް މުޅިރާއްޖޭގައި އެވްރެޖްކޮށް ގޭބިސީއަކަށް ލިބޭ ޢާމްދަނީއަކީ 28746 (އަށާވީސް ހާސް ހަތް ސަތޭކަ ސާޅީސް ހަ) ރުފިޔާއެވެ. މާލެއަށް ބާލާނަމަ، އާމްދަނީގެ ގޮތުގައި ގޭބިސީއަކަށް 38596 (ތިރީސް އަށް ހާސް ފަސް ސަތޭކަ ނުވަދިހަ ހަ) ރުފިޔާ ލިބެއެވެ. އަދި މާލެ ފިޔަފައި އަތޮޅުތަކުގައި ގޭބިސީތަަކަށް ވަކިން ބަލާނަމަ ގޭބިސީއަކަށް ޖެހޭ ޢާމްދަނީއަކީ 19633 (ނަވާރަ ހާސް ހަ ސަތޭކަ ތެއްތިރީސް) ރުފިޔާއެވެ.
މުޅިރާއްޖޭގެ އާބާދީއަށް ބަލާއިރު މަހެއްގެ މައްޗަށް ބޮލަކަށް ޖެހޭ އާމްދަނީ އަކީ 5538 (ފަސް ހާސް ފަސް ސަތޭކަ ތިރީސް އަށް) ރުފިޔާއެވެ. މިއީ ދުވާލަކަށް ބަލާނަމަ 182 (ސަތޭކަ އަށްޑިހަ ދެ) ރުފިޔާއެވެ. މާލޭގައި ބޮލަކަށް 7479 (ހަތް ހާސް ހަތަރު ސަތޭކަ ހަތްދިހަ ނުވަ) ރުފިޔާ މަހެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި ލިބޭއިރު އަތޮޅުތަކުގައި ބޮލަކަށް ޖެހޭ އާމްދަނީއަކީ 3762 (ތިން ހާސް ހަތް ސަތޭކަ ފަސްދޮޅަސް ދެ) ރުފިޔާކަމަށް މިދިރާސާއިން ދައްކައެވެ.
ޢާމްދަނީ ލިބޭ މައިގަނޑު މަސައްކަތުގައި ފިރިހެނަކު އެވްރެޖްކޮށް ދުވާލަކު 9 ގަޑިއިރު ހޭދަކުރާއިރު އަންހެނުން ހޭދަކުރަނީ 7 ގަޑިއިރެވެ. އަދި ޢާމްދަނީ ލިބޭ މައިގަނޑު މަސައްކަތުން އެވެރެޖްކޮށް މަހެއްގެ މައްޗަށް 10474 (ދިހަ ހާސް ހަތަރު ސަތޭކަ ހަތްދިހަ ހަތަރު) ރުފިޔާ ލިބެއެވެ. ފިރިހެނަކަށް 12169 (ބާރަ ހާސް އެއް ސަތޭކަ ފަސްދޮޅަސް ނުވަ) ރުފިޔާ ލިބޭއިރު އަންހެނަކަށް ލިބެނީ 7995 (ހަތް ހާސް ނުވަ ސަތޭކަ ނުވަދިހަ ފަސް) ރުފިޔާއެވެ.
މި ދިރާސާއިން ފާހަގަވާގޮތުގައި އަތޮޅުތަކާއި މާލެއަށް ބަލާލިކަމުގައި ވިޔަސް ޢާމްދަނީ ލިބޭ މައިގަނޑު ގޮތަކީ މުސާރައާއި އުޖޫރައިންނެވެ.
މާލޭގައި ދިރިއުޅޭ އާމްދަނީ ލިބޭ މީހުންނާއި އަތޮޅުތަކުގައި ދިރިއުޅޭ އާމްދަނީ ލިބޭ މީހުންނާއި އަޅާބަލާއިރު މާލެގައި ދިރިއުޅޭ އާމްދަނީ ލިބޭ މީހުންނަށް ދެގުނަ އިތުރަށް އާމްދަނީ ލިބެއެވެ.
ރާއްޖޭގެ މަސައްކަތުގެ އާބާދީއަށް ބާލާލާއިރު އިޤްތިޞާދީ ހަރާކާތްތަކުގައި ވަޒީފާ އަދާކުރާ މީހުންގެ %60އަކީ ފިރިހެނުންނނެވެ. އަދި %40އަކީ އަންހެނުންނެވެ. ރާއްޖޭގައި ދިރިއުޅޭ މަސައްކަތްކުރާ އާބާދީއަކީ %61 އެވެ. އިޤްތިޞާދީގޮތުން ހަރަކާތްތެރިވާ ފިރިހެނުންނާއި އަންހެނުންގެ މެދުގައިވާ ފަރަގު ބޮޑުކަން ދިރާސާއިން ދައްކައެވެ.
މި ދިރާސީން ދައްކާގޮތުގައި މަސައްކަތްކުރާ އާބާދީގައި %52 މީހުން ދިރިއުޅޭނީ މާލޭގައެވެ. އެއީ %59 ފިރިހެނުންނާއި %41 އަންހެނުންނެވެ. މިދިރާސާއިން ދައްކާގޮތުގައި މަސައްކަތެއް ލިބިފައިނުވާ މީހުންގެ ނިސްބަތަކީ %5.3އެވެ. މީގެ ތެރޭގައި ޢުމުރުން 15 އަހަރުން މަތީގެ އާބާދީގައި އިޤްތިޞާދީގޮތުން ހަރަކާތްތެރިނުވާ ނިސްބަތަކީ %40އެވެ.