ދޭހާސް ތޭވީސްވަނަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބޭއްވުމާމެދު ގޮތެއް ނިންމަން އަދި އަވަސްކަމަށް ކޯޖީގެ ކައުންސިލުން ބުނެފިއެވެ.
2023ވަނަ އަހަރު ރާއްޖޭގައި އައިއޯއައިޖީ ބޭއްވުމުގެ ފުރުސަތު ހޯދާފައިވަނީ މި ސަރަހައްދުގެ އެންމެ ބޮޑު ޖަޒީރާ ކަމަށްވާ މަޑަގަސްކަރަ އާއި ކޮމޮރޯސްއާ ވާދަކޮށްގެންނެވެ. ކޯޖީގެ ކައުންސިލް ބައްދަލުވުމުގައި ނެގި ވޯޓުގައި ރާއްޖެއަށް ހަތަރު ގައުމެއްގެ ތާއީދު ލިބުނުއިރު، މަޑަގަސްކަރަ އާއި ކޮމޮރޯސް ކޮންމެ ގައުމަކަށް ލިބުނީ އެއް ވޯޓްއެވެ.
ކޮވިޑާއި ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާއިރު، ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފްވަނީ މިމުބާރާތް 2023ވަނަ އަހަރު ބޭއްވުމަކީ އެންމެ ބުއްދިވެރިގޮތް ނޫންކަމަށް ބުނެފައެވެ. ކޮވިޑާއި ގުޅިގެން ރާއްޖެއަށްވެސް ވަރަށް ބޮޑަށް އަސަރުކޮށްފައިވާއިރު، ގޭމްސް ބެއްވުމަށް ކުޅިވަރު ވަސީލަތްތަކެއްވެސް ގާއިމް ކުރަންޖެހެއެވެ. މިނިސްޓަރ މަހުލޫފްވަނީ އިއްޔަގައި ވާޗުއަލްކޮށް ކޯޖީގެ ބައްދަލުވުމުގައި ބައިވެރިވެފައެވެ. މިބައްދަލުވުމުގައި ބައިވެރިވި އެހެން ޖަޒީރާ ގައުމްތަކުންވެސް ބޭނުންވަނީ ގޭމްސް ފަސްކުރުމަށެވެ. އެއީ ކޮވިޑާއި ގުޅިގެން އެގައުމްތަކުގެވެސް އިގްތިސޯދަށް އަސަރުކޮށްފައިވާތީއެވެ.
ރާއްޖޭގައި ގޭމްސް ބޭއްވުމާމެދު ގޮތެއް ނިންމުމަށް 2023ވަނަ އަހަރުގެ ގޭމްސްއާ ބެހޭގޮތުން ކަރުދާހެއް މިހާރުވަނީ ކެބިނެޓަށް ހުށައަޅާފައެވެ. 2023ވަނަ އަހަރު ރާއްޖޭގައި ބޭއްވުމާމެދު އެންމެ ފަހުބަސް ބުނާނީ ކެބިނެޓްގައި މަޝްވަރާ ކުރުމަށްފަހު ކެބިނެޓުންނެވެ.
"އެންމެ ފަހުގެ ބަސް ބުނާނީ ކެބިނެޓްއިން. އައިއޯއައިޖީ ފަދަ ބޮޑު މުބާރާތެއް ބޭއްވޭނީ ސަރުކާރުން ނިންމީމަ. މިއީ ވަރަށް ބޮޑު ހަރަދެއްވެސް ހިގާނެކަމެއް. އެހެންވީމަ މިވަގުތު ކޮވިޑްގެ ހާލަތަށް ރިޔާއަތްކޮށް ކެބިނެޓުގައި މަޝްވަރާ ކުރުމަށްފަހުގައި ސަރުކާރުން މިކަމުގައި ފަހު ބަސް ބުނީނީ. އިއްޔެގައި އޮތް ބައްދަލުވުމުގައިވެސް ގައުމްތަކުން ބޭނުންވީ ފަސްކުރަން. މަޑަގަސްކަރަ ފިޔަވާ އެހެން ގައުމުތަކަށްވެސް ކޮވިޑްގެ ހާލަތުގެ ސަބަބުން ވަރަށް ބޮޑަށްވަނީ އަސަރުކޮށްފަ. މީގެ ފަހުގެ ބައްދަލުވުމެއް ބޭއްވުމަށް އަދި ވަނީ ތާވަލްކޮށްފަ. ކޯޖީގެ ކައުންސިލުން ބުނީ އަދި މަސްދުވަސް ފަހުން ބައްދަލުވުމެއް ބާއްވާނީކަމަށް. އެއަށްފަހު ގޮތެއް ނިންމާނީކަމަށް." މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވިއެވެ.
ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފްވަނީ ކުޅިވަރު އެސޯސިއޭޝަންތަކާއި ބައްދަލުކޮށް އެސޯސިއޭޝަންތަކުގެވެސް ހިޔާލު ހޯދާފައެވެ.
މިދިޔަ އަހަރު މޮރިޝަސްގައި ނިމިގެންދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއިންވަނީ 15 މެޑަލް ގެނެސްފައެވެ. މީގެ ތެރޭގައި 3 ގޯލްޑް މެޑަލް ހިމެނެއެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަކީ ރާއްޖޭގެ އެތްލީޓުން އެންމެ ރަގަނޅު ނަތީޖާ ހޯދަމުން އަންނަ ގޭމްސްއެކެވެ. 2015ވަނަ އަހަރު ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުވަނީ 100 މީތަރު ދުވުމުން ރަން މެޑަލް ހޯދާފައެވެ.