ކުޅިވަރު

ފުޓްބޯޅަ ސީޒަން ޑިސެންބަރު މަހުގެ 8ވަނަ ދުވަހު ފަށަނީ


މިއަހަރުގެ ފުޓްބޯޅަ ސީޒަން ޑިސެންބަރު މަހުގެ 8ވަނަ ދުވަހު ފެށުމަށް ހަމަޖެހިއްޖެއެވެ.

އެފްއޭއެމްއިން އާންމުކޮށްފައިވާ ލީގް ޝެޑިއުލްގައި ވާގޮތުން ސީޒަން ހުޅުވާ މެޗްގައި ވާދަކުރާނީ އެންމެ ފަހުގެ ލީގް ޗެންޕިއަން މާޒިޔާ ސްޕޯޓްސް ކުލަބް އާއި ކުލަބް އީގަލްސްއެވެ. ސީޒަން ހުޅުވާ މެޗް ޑިސެންބަރު މަހުގެ 8ވަނަ ދުވަހު ކުޅުނު ނަމަވެސް، ދިވެހި ޕްރިމިއަރ ލީގްގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު މަހުގެ 13ވަނަ ދުވަހުއެވެ.

13ވަނަ ދުވަހު ހަވީރު ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ވާދަކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާއި ޔުނައިޓަޑް ވިކްޓްރީ، އެރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ވާދަކުރާނީ ކުލަބް އީގަލްސް އާއި ސުޕަރ ޔުނައިޓަޑް ސްޕޯޓްސްއެވެ. ޑިސެންބަރު މަހުގެ 14ވަނަ ދުވަހު ހަވީރު ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ވާދަކުރާނީ ޓީސީ ސްޕޯޓްސް ކުލަބްއާއި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބެވެ. އަދި އެރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ވާދަކުރާނީ ކުލަބް ގްރީން ސްޓްރީޓްސް އާއި ކުލަބް ވެލެންސިޔާއެވެ. ކުލަބް ވެލެންސިޔާ ފުރަތަމަ ޑިވިޝަންގައި ވާދަކުރަނީ މިދިޔަ އަހަރުގެ ދަވަނަ ޑިވިޝަންގެ ޗެންޕިއަން ޓީމްގެ ގޮތުގައި އަދި ސަސް ސްޕޯޓްސް ކުލަބް ފުރަތަމަ ޑިވިޝަންގައި ވާދަކުރަނީ ދެވަނަ ޑިވިޝަންގެ ރަނަރަޕް ޓީމްގެ ގޮތުގައެވެ.

ލީގުގެ ފުރަތަމަ ބުރުގެ ކުޅުން ޑިސެންބަރު މަހުގެ 13ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، ލީގްގެ ފުރަތަމަ ބުރުގެ އެންމެ ފަހު މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާއި ކުލަބް އީގަލްސްއެވެ.