ޚަބަރު

އަސްކަރިއްޔާ ކުރިއެރުވުމާއި ގުޅޭގޮތުން ބަންގްލަދޭޝް ހައިކޮމިޝަނަރާއިއެކު މަޝްވަރާކުރައްވައިފި


ޗީފް އޮފް ޑިފެންސް ފޯސްއާއި، ބަންގްލަދޭޝް ހައިކޮމިޝަނަރު ބައްދަލުކުރެއްވުން. - ފޮޓޯ:އެމްއެންޑީއެފް

ދިވެހި އަސްކަރިއްޔާގެ ކަންކަން ހަރުދަނާކުރުމާއި ގުޅޭގޮތުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އާއި، ބަންގްލަދޭޝް ހައިކޮމިޝަނަރ ރިއަރ އެޑްމިރަލް ނަޒްމުލް ޙަސަން ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

ބަންގުލަދޭޝް ހައިކޮމިޝަނަރާއި ޗީފް އޮފް ޑިފެންސް ފޯސްގެ މި ބައްދަލުވުން ކުރެއްވުން އޮތީ މިއަދު ބަންޑާރަކޮށީގައެވެ. މި ބައްދަލުވުމުގައި ވަނީ ދިވެހިރާއްޖެއާއި ބަންގްލަދޭޝްގެ އަސްކަރިއްޔާ އާއި ދެމެދު އޮތް ޒަމާނީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައި ވެއެވެ. އަދި ދެޤައުމުގެ އަސްކަރިއްޔާ ގުޅިގެން ދިވެހި ސިފައިންގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމާއި، ދިވެހި ސިފައިންނަށް ތަޢުލީމާއި ތަމްރީންގެ ފުރުސަތު ހޯދައިދިނުމާއި ބެހޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

ބަންގްލަދޭޝްގެ ހައިކޮމިޝަނަރާއިއެކު ބޭއްވި ބައްދަލުވުމުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް އަބްދުލަތީފް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.