ދުނިޔެ

ވިލާތުގައި މަރުވާ މީހުންގެ ޢަދަދު މިދިޔަ ހަފުތާއަށްވުރެ 40 އިންސައްތަ މަތީގައި


މިދިޔަ ހަފުތާއާއި އަޅާ ބަލާއިރު ކޯވިޑް-19 ޖެހިގެން ވިލާތުގައި މަރުވެފައިވާ މީހުންގެ ޢަދަދު 40 އިންސައްތަ އިތުރުވެފައިވާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއިން ބުނެފިއެވެ.

ޑަބްލިއުއެޗުއޯގެ ތަރުޖަމާނު ޑރ. މާގަރެޓް ހެރިސް ވިދާޅުވީ އަލަށް ބަލިޖެހިފައިވާ މީހުންގެ ބޮޑު ބައެއް ޙިއްޞާކުރަނީ ފަރަންސޭސިވިލާތާއި ސްޕެއިނާއި އިނގިރޭސިވިލާތުގެ އިތުރުން ނެދަލޭންޑްސާއި ރަޝިޔާއިން ކަމަށެވެ. މިވަގުތު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ޙާލު ދެރަވާ މީހުންނަށް ފަރުވާދޭ އައިސީޔޫތައް ފުރެމުން ދިޔުންކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާއާއި އިންޑިޔާއާއި ބުރެޒިލަށްފަހު ހަތަރުވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހިފައިވާ ޤައުމުގެ ގޮތުގައި އޮތީ ރަޝިޔާއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 16،550 މީހުންނަށްވަނީ ބަލިޖެހިފައެވެ. 320 މަރާއެކު ރަޝިޔާގައި ދުވާލެއްގެ މައްޗަށް އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވަނީ އިއްޔެއެވެ. އެއާއެކު އެ ޤައުމުގައި މަރުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 26،589އަށް އިތުރުވެފައެވެ. ރަޝިޔާއިން މިހާރުވަނީ ގިނަ މީހުން އެއްވެ އުޅޭ ތަންތަނުގައި މާސްކު ބޭނުންކުރުން މަޖުބޫރުކޮށްފައެވެ.

އިޓަލީވިލާތުގައި ބަލިޖެހޭ މީހުންގެ ޢަދަދުވެސްވަނީ ކުއްލިއަކަށް ވަރަށް ބޮޑަށް އިތުރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 22،000އެއްހާ މީހުންނަށް ބަލިޖެހި 221 މީހުންވަނީ މަރުވެފައެވެ. އެ ޤައުމުގައި ބައްޔަށް ތަހުލީލުކުރާ މިންވަރުވަނީ އިތުރުކޮށްފައެވެ. އިޓަލީވިލާތުގެ އެކި ސަރަޙައްދުތަކުގައި އެ ޤައުމުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކުރުމުން އެކަމާ ދެކޮޅަށްދަނީ މުޒާހަރާ ކުރަމުންނެވެ.

ބެލްޖިއަމްގެ ހަސްފަތާލުތަކުގައި އެނދުމަތިކުރާ މީހުންގެ ޢަދަދުވަނީ 88 އިންސައްތައަށް އިތުރުވެފައެވެ. އައިސީޔޫގެ އެނދުތަކުގެ ދެބައި ކުޅަ އެއްބަޔަށްވުރެ ބޮޑުބައެއް ދަނީ ބޭނުންކުރަމުންނެވެ. އެ ޤައުމުގެ ދިހަ ހަސްފަތާލެއްގެ ޑޮކްޓަރުންނަށް ވަނީ ބަލިޖެހިފައެވެ. އެހެންނަމަވެސް ބެލްޖިއަމްގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވެ ޤައުމުގެ ޞިއްޙީ ނިޒާމަށް ބާރުބޮޑުވެފައިވާތީ ބަލި ޖެހިފައިވާ ޑޮކްޓަރުންގެ އަލާމާތެއް ނުފެންނަނަމ ވަޒީފާއަށް ނުކުތުމަށް ސަރުކާރުންވަނީ އަންގާފައެވެ.

ޑަބްލިއުއެޗުއޯއިން ބުނީ ކީކޭ؟

ބީބީސީގެ ޕުރޮގުރާމެއްގައި ވާހަކަދައްކަވަމުން ޑރ. ހެރިސް ވިދާޅުވީ ވިލާތުގެ ސަރަޙައްދުތަކުގައި ބަލިޖެހޭ މީހުންގެ ޢަދަދާއި މަރުވާ މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވަމުންދާކަމަށާއި އެއީ ވަރަށް ކަންބޮޑުވާންޖެހޭކަމެއްކަމަށެވެ. އޭނާ ވިދާޅުވީ މިދިޔަ ހަފުތާއާއި އަޅާ ބަލާއިރު ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ ޢަދަދުވަނީ ތިން ބައި ކުޅަ އެއްބައިގެ ނިސްބަތުން އިތުރުވެފައިކަމަށެވެ. އަދި 40 އިންސައްތައާއި ގާތްކުރާ މިންވަރަކަށް ބަލީގައި މަރުވާ މީހުންގެ ޢަދަދު އިތުރުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ބައްޔާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ހަސްފަތާލުތަކުގެ ޖާގަދޭ އުސޫލު ހަރުދަނާކޮށްފައިވީ ނަމަވެސް ވަރަށް ހަލުވި މިނެއްގައި ހަސްފަތާލުތައް ފުރެމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. ހެރިސް ވިދާޅުވީ ވިލާތުގެ ޤައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަން ފަށާނީ ދެ ހަފުތާއެއްހާ ދުވަސް ފަހުންކަމަށެވެ. ބަލިފެތުރޭ މިންވަރު ދަށަށް ދާނެކަމަށާއި އެ ހިސާބަށް ފިޔަވަޅުތައް ވަރުގަދަކުރާތާ އެއް ދުވަސް ތެރޭގައި ވާސިލްނުވެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ބަލީގެ ފުރަތަމަ ރާޅަށްވުރެ ދެވަނަ ރާޅުގެ ނުރައްކާ ބޮޑުވެދާނެތޯ ސުވާލުކުރުމުން ޑރ. ހެރިސް ވިދާޅުވީ ދެން ފެނިގެންދާނީ ތަފާތު ވައްތަރެއްގެ ޕީކެއްކަމަށެވެ. ނަމަވެސް ހަސްފަތާލުތަކުން މިހާރު މި ޙާލަތަށް ހޭނިފައިވުމަކީ ރަނގަޅު ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބަލިޖެހެމުންދާ މީހުންގެ ތެރޭގައި ގިނައީ ޒުވާނުންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި މަރުވާ މީހުންގެ ނިސްބަތް ދަށަށްދާނެކަމަށް އުންމީދުކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.