ކޯވިޑް-19

ކޯވިޑް-19 : ކުޅުދުއްފުށި ސިޓީ މޮނިޓަރިންގގެ ޙާލަތުން އުވާލައިފި


ކުޅުދުއްފުށި ސިޓީ މޮނިޓަރިންގގެ ޙާލަތުން އުވާލައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވީ، ކޯވިޑް-19 އިން ރައްކާތެރިވުމުގެގޮތުން އާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، މޮނިޓަރިންގ ޙާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތުމުން، ކުޅުދުއްފުށީގައި އިޢުލާންކޮށްފައިވާ މޮނިޓަރިންގގެ ޙާލަތު އުވާލާފައިވާކަމަށެވެ. ކުޅުދުއްފުށީގައި އިޢުލާންކޮށްފައިވާ މޮނިޓަރިންގ އުވާލާފައިވަނީ މިރޭ 19:12 ގައެވެ.

ކުޅުދުއްފުށި މޮނިޓަރިންގގެ ޙާލަތަށް ލާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. މޮނިޓަރިންގެ ޙާލަތު މިއަދު އުވާލިނަމަވެސް، ކޯވިޑް-19އިން ރައްކާތެރިވުމަށް އެޗް.ޕީ.އޭއިން ދެއްވާފައިވާ އިރުޝާދުތަކާ އެއްގޮތަށް ހުރިހާ ފަރާތްތަކުން ޢަމަލުކުރުމަށް ކުޅުދުއްފުށީ ކައުންސިލުން ވަނީ އިލްތިމާސްކުރައްވާފައެވެ.

އެޗް.ޕީއޭއިން އާއްމުކޮށްފައިވާ އެންމެފަހުގެ މަޢުލޫމާތަށް ބަލާއިރު ކުޅުދުއްފުށިން 9 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 6 ދިވެހިންނާއި، 3 ބިދޭސީންނެވެ. ކުޅުދުއްފުށީގައި ކޯވިޑް-19 ފެތުރޭ މިންވަރު ދެނެގަތުމަށް އެ ސިޓީގައި އެކި އުމުރުފުރާގެ މީހުންގެ ރެންޑަމް ސާމްޕަލްތައް ނެގުމުގެ މަސައްކަތް ކަމާގުޅުންހުރި ފަރާތްތަކުން އަންނަނީ ކުރަމުންނެވެ. އެގޮތުން ރެންޑަމް ސާމްޕަލް ނެގުމުގެ ދެ ބުރެއް މިހާތަނަށް ބާއްވާފައިވާއިރު، މިހާތަނަށް ނެގި ހުރިހާ ރެންޑަމް ސާމްޕަލްތަކެއްވެސް ވަނީ ކޯވިޑް-19 އަށް ނެގެޓިވްވެފައެވެ.