މަޝްހޫރު މަތިންދާބޯޓު އުފައްދާ ކުންފުނި ބޮއިންގެ ގެއްލުން ބޮޑުވެ އިތުރު 7000 މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމައިފިއެވެ.
ކޯވިޑްގެ ސަބަބުން އުދުހުންތައް ހުއްޓި ކުންފުނީގެ ޚަރަދުތައް ދެކޮޅު ނުޖެހުމުން، މިއަހަރުގެ ކުރީކޮޅު އެކުންފުނިން ވަނީ 19 ހާސް މުއައްޒަފުން ވަޒީފާއިން ވަކިކޮށްފައެވެ.
ބޮއިންގް ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ މިއަހަރުގެ ތިން ވަނަ ކުއާޓާގައިވެސް އެ ކުންފުންޏަށް ގެއްލުމާއި ކުރިމަތިލާން ޖެހިފައިވާކަަމަށެވެ. އަދި މިއަހަރުގެ ކުރީކޮޅު ޚަރަދު ކުޑަކުރުމަށް ގިނަ އަދަދެއްގެ މުއައްޒަފުން ވަޒީފާއިން ވަކިކުރުމުންވެސް ޚަރަދު ދެކޮޅު ނުޖެހުނުކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ބޮއިންގް ކުންފުނީގެ އެންމެ ފަހުގެ އާމްދަނީގެ ރިޕޯޓް ދައްކާގޮތުން އެ ކުންފުންޏަށް 754 މިލިއަން ޑޮަލަރުގެ ގެއްލުމަކާ ވަނީ ކުރިމަތިލާންޖެހިފައެވެ. އެގޮތުން ތިން ވަނަ ކުއާޓާގެ އާމްދަނީ 29 އިންސައްތަ އަޑިއަޅާލާ 5.8 ބިލިއަން ޑޮލަރަށް ވަނީ ވެއްޓިފައެވެ. ބޮއިންގްގެ ވިޔަފާރި އަޑިއަޅާލާފައި މިވަނީ ކޯވިޑްގެ ސަބަބުން ވައިގެ އުދުހުންތައް ހުއްޓާލާ، އައު މަތިންދާ ބޯޓުތައް ގަތުން އެއްކޮށް ހުއްޓާލުމާއި ގުޅިގެންނެވެ.
ބޮއިންގއިން ބުނީ އެ ކުންފުނިން މިހާރު އަމާޒު ހިފާފައިވަނީ ކުންފުނިން އިތުރު ހަތް ހާސް މުއައްޒަފުން ވަކިކޮށް، ޖުމުލަ މުވައްޒަފުންގެ އަދަދު ސަތޭކަ ތިރީސް ހާހަށް ތިރިކުރުމަށެވެ. މީގެކުރިންވެސް ބޮއިންގއިން ވަނީ ކުންފުނީގެ ގެއްލުން ބޮޑުވުމުގެ ސަބަބުން އިތުރު މުވައްޒަފުން ވަޒީފާއިން ވަކި ކުރަންޖެހިދާނެކަމަށް ބުނެ އިންޒާރު ދީފައެވެ.
ބޮއިންގ ކުންފުނީގެ ބަޔާނުގައި މިފަހަރު ވަޒީފާއިން ވަކިކުރާ ފަރާތްތަކުގެ އިތުރު އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. އަދި އެކުންފުނިން ވަނީ އަންނަ އަހަރުވެސް ޚަަރަދުތައް ބޮޑުވެ ދެކޮޅު ނުޖެހިއްޖެނަމަ އިތުރު މުވައްޒަފުން ވަކިކުރަން ޖެހިދާނެކަމަށް ބުނެފައެވެ.
ބޮއިންގްއިން ވަނީ ކުންފުނީގެ ވިޔަފާރި އާންމު ޙާލަތައް އައުމަށް މަދުވެގެން ތިން އަހަރު ނަގާނެކަމަށް ލަފާކޮށްފައެވެ.
ބޮއިންގްގެ ގެއްލުން ބޮޑުވެ ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަން ނިންމާފައިވާއިރު، ޚަރަދު ކުޑަކުރުމަށް ބައެއް މަތިންދާ ބޯޓު އުފެއްދުން ވަގުތީގޮތުން ހުއްޓާލުމަށްވެސް ބޮއިންގް ކުންފުނިން ވަނީ ނިންމާފައެވެ. ބޮއިންގް ކުންފުނިން ކޯވިޑްގެ ޙާލަތާއި ކުރިމަތިލިއިރުވެސް، އެ ކުންފުނީގެ ސެވަން ތީރީ ސެވަން މެކްސް މަތިންދާ ބޯޓުގެ ރައްކާތެރިކަމާއި މެދު އުފެދުނު މައްސަލަތަކާ ގުޅިގެން އޮތީ ބޮޑު ގެއްލުމެއްގެ ތެރޭގައެވެ.